ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސް އިން ހިފަހައްޓާފައިހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނަގައިފި އެވެ.
މި ނޫހަށް މައުލޫމާތު ދިން ގޮތުގައި މި މައްސަލާގައި ހިމެނެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތަށް ކަމަށް ބުނެ ގެނައި ދެ ކޮންޓެއިނަރު ވަގު ސިނގިރޭޓެވެ. މި ދެ ކޮންޓޭނަރު ކަސްޓަމްސް އިން ހިފެހެއްޓީ އެޕްރީލް މަހުގެ ފަހު ކޮޅު އެވެ.
އެއާޕޯޓުގެ މަސައްކަތް ކުރަނީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުންނެވެ. ކޮންޓެއިނަރުތައް އެތެރެ ކުރީ އެ ކުންފުނިން ކަން މި ނޫހަށް ވަނީ ކަށަވަރުވެފަ އެވެ. ކަސްޓަމްސް އިން ކޮންޓެއިނަރުތައް އަތުލައިގަނެ ބަހައްޓާފައި ހުރީ އެމްޕީއެލްގެ ހުޅުމާލޭ ޕޯޓުގަ އެވެ.
އިތުބާރުހުރި މަސްދަރަކުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި އެ ކޮންޓޭނަރުތަކުގައި ހުރި ސިނގިރޭޓުތައް ވަގަށް ނެގި ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިގެން ރޭ ބެލިއިރު ހުރީ ހުސް ކޮންޓެއިނަރެވެ. ސެކިއުރިޓީ ގާޑުންނާއި ކެމެރާތައް ހުންނަ މި ސަރަހައްދުގައި ހުރި ބޮޑު ދެ ކޮންޓެއިނަރަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ގެެއްލުނު ގޮތް ސާފެއް ނޫނެވެ.
ކޮންޓެއިނަރުތައް ބަހައްޓާފައިހުރި އެމްޕީއެލްގެ ހުޅުމާލޭ ޕޯޓު ---- ފޮޓޯ: ގޫގުލް އާތު
ދެ ކޮންޓެއިނަރު ފުރާ ސިނގިރޭޓު ހުރިއިރު، މި ތަކެތީގެ ޑިއުޓީއަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ އަރަ އެވެ. ވަގަށް ނެގި ކޮންޓެއިނަރުތަކުގައި ހުރީ މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓެވެ. ދެ ކޮންޓެއިނަރުގައި މަދުވެގެން ޖުމްލަ 12 މިލިއަނަށްވުރެ ސިނގިރޭޓު ހުއްޓެވެ.
މި މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދިޔަ ނަމަވެސް، މިކަމާއި ގުޅޭ އެއްވެސް ތަފުސީލެއް މިހާތަނަށް ފުލުހުން އާންމުކޮށްފައެއް ނުވެ އެވެ. މިކަމާއި ގުޅިގެން މިހާތަނަށް ކަސްޓަމްސް އަދި އެމްޕީއެލްގެ ބަހެއް ވެސް ނުލިބެ އެވެ.
ކޮންޓެއިނަރުތައް އަތުލައިގަތް ދުވަހު އެއާޕޯޓު ހިންގާ ކުންފުނި އެމްއޭސީއެލްގެ އޮފިޝަލަކު ބުނީ ވަގު ސިނގިރޭޓުތައް އެތެރެ ކުރި ކޮންޓެއިނަރަކީ އެ ކުންފުންޏާ އެއްވެސް ވަރެއްގެ ގުޅުމެއް އޮތް ކޮންޓެއިނަރުތަކެއް ނޫން ކަމަށެވެ. އެމްއޭސީއެލް އިން ބުނީ އެއާޕޯޓު ޕްރޮޖެކްޓަށް އަބަދުވެސް މުދާ ގެންނަނީ ކޮންޓްރެކްޓަރު ކަމަށެވެ.
ސިނގިރޭޓުގެ އަގު ބޮޑުކޮށް ރާއްޖެއިން ވޭޕް މަނާ ކުރި ފަހުން މާލެ ތެރޭގައި ވަގު ސިނގިރޭޓު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ސިނގިރޭޓު އެތެރެ ކުރެވޭނީ އެކަމުގެ ހުއްދަ ނަގާފައިވާ ކުންފުނިތަކަށް އެކަންޏެވެ.
އައްޑޫއަށް އެތެރެ ކުރަން އުޅުނު ވަގު ސިނގިރޭޓުތަކެއް ވެސް މި ފަހުން ވަނީ އަތުލައިގަނެފަ އެވެ. މިދިޔަ އާދީއްތަ ދުވަހު އަތުލައިގަތް އެ ޝިޕްމެންޓުގައި ހުރި ސިނގިރޭޓުގެ އަދަދު ލައްކައަކަށްވުރެ ގިނަ އެވެ.
ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނަގައިފި! ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނަގައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ