އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްސަލައެއް ބަލަމުންދަނީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ ދިނުމުން ކަން އެނގިއްޖެ އެވެ.
އަންނަ ހޯމަ ދުވަހު ތަހުގީގަށް ހާޒިރުވާން އަންގާ ފައްޔާޒްއަށް ފޮނުވި ޗިޓުގައި ބުނީ ސައުދުﷲގެ ސްވިފްޓް އިންޖިނީރިން ކުންފުންޏަށް ބަދަލު ދިނުމަށް ނިންމުމުގައި ފައްޔާޒު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެ ކުންފުންޏަށް ބަދަލު ދޭން 2019 ވަނަ އަހަރު ނިންމި އަލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ފައްޔާޒު އިންނެވި ކަމަށް ޗިޓުގައި ބުނެފައިވެ އެވެ. މި ބަދަލުގެ ސަބަބުން ދައުލަތަށް ގެއްލުންވި ކަމަށް އޭސީސީން ތުހުމަތުކުރެ އެވެ.
ޗިޓު ލިބުމުން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައެއް ނޯންނާނެ ކަމަށެވެ. އަދި، އިންސާފުވެރި ތަހުގީގެއް އޭސީސީން ކުރާނެ އަދި ކުރެވޭނެ ކަމަށް މިއަދު ގަބޫލެއް ނުކުރާ ކަމަށް ލިޔުއްވާފައިވެ އެވެ.
"ފާއިތުވި ދެ އަހަރަކީ މުއިއްޒު ސަރުކާރުން ދައުލަތުގެ ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފުނޑާލި ދެ އަހަރު. ވަޒީފާގެ ޔަގީންކަން ހޯދުމަށް ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން މުއިއްޒު އަންގަވާހާ ގޮތަކަށް ކަންކަން ކުރަމުން އަންނަކަން ދިވެހިންނަށް ވަރަށް ސާފު. ސިޔާސީ ނުފޫޒުގައި ޖެހި ވަކި އަތަކަށް ޖެހިގެން ތަހުގީގު ހިންގާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ،" ފައްޔާޒު އެކްސް ގައި ލިޔުއްވާފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދުﷲ ގެ ކުންފުންޏަށް ބަދަލު ދޭން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެ ކުންފުންޏަށް ހަވާލުކޮށްފައި އޮތް ގިނަ މަޝްރޫއުތަކެއް ހުއްޓާލަން އެންގި މައްސަލައިގަ އެވެ.
ޔާމީނުގެ ސަރުކާރުން ހުއްޓާލަން އެންގި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ހަތަރު ސްކޫލަކާއި ސިއްހީ މަރުކަޒެއްގެ އިތުރުން ޖެންޑާ މިނިސްޓްރީގެ އިމާރާތެއް އެޅުމުގެ މަސައްކަތެވެ.
ސައުދުﷲ ގެ ކުންފުނީގެ އަތުން މަޝްރޫއުތައް އަތުލީ އެއިރު ޕީޕީއެމްގެ ތެރޭގައި އުފެދުނު ނުތަސްކަމުގެ ތެރޭގައި އޭނާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފެކްޝަނާ ގުޅުމުންނެވެ. ޔާމީންގެ ވެރިކަމުގައި ގޮނޑި ގެއްލުނު 12 މެންބަރުންގެ ތެރޭގައި ވެސް ސައުދﷲ ހިމެނުނެވެ.
އޭސީސީ އިން މިހާރު ވަނީ ފައްޔާޒުގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ކުރީގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ މައްސަލަތަކެއް ބަލަމުންނެވެ.
އެބޭފުޅުންގެ މައްސަލަތައް ތަހުގީގު ކުރަމުންދަނީ އޭސީސީ އިން ހާއްސަ އިސްކަމެއް ދީގެން ކަމަށް ވެސް އެނގިފައިވެ އެވެ. މި ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުސޫލުތަކާ ހިލާފަށް ބާތިލްކުރި އެއްބަސްވުންތަކަށް ބަދަލު ދިން މައްސަލަތަކެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އެމްޑީޕީގެ އިސްވެރިންގެ މައްސަލަތަކެއް އޭސީސީން ބަލަން ފަށާފައިވާއިރު ރައީސް މުހައްމަދު މުއިއްޒު ގެންދަވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި ކުރިން އޮތް ސިޔާސީ ބަދަލުހިފުމުގެ ރޫހު ނައްތާލާފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އެގޮތުން، މީގެ އަހަރެއް ކުރިން ޖޫން، 2024، ގައި ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅުއްވާނެ ކަމަށާއި އެމަނިކުފާނާ އެކު ރައްޔިތުން ތިބިހާ ދުވަހަކު ބަދަލުނުހިފާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރައްޔިތުން އެމަނިކުފާނާ ހަވާލުކުރީ ބަދަލުހިފުމުގެ ރޫހު ނައްތާލުމަށް ކަމަށާއި އެކަން ފުރިހަމަ ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަން ވަނީ މި ގައުމުން މިހާރު ނައްތާލާފައި. ނުފެންނާނެ މި ގައުމަކުން ބަދަލު ހިފުމުގެ ރޫހެއް. އަޅުގަނޑުމެންނާ އެކީގައި ރައްޔިތުން ތިބިހާ ދުވަހަކު މި ގައުމުން ބަދަލުހިފުމުގެ ރޫހެއް ނުފެންނާނެ," ޖޫން 24، 2024، ގެ ރޭ ޕީއެންސީ ހަރުގޭގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.
އޭރު އެމަނިކުފާނު ވިދާޅުވީ ސިޔާސީ ގޮތުން ކިތަންމެ ދޮގެއް ހެދިއަސް ހައްޔަރު ކުރާނެ މީހެއް ނުހުންނާނެ ކަމަށާއި, ސިޔާސީ ބަދަލު ހިފުމެއް ނުހިއްޕަވާނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވީ ބަދަލު ހިފުމުގެ ރޫހު ނައްތާލަން ކަމަށްވާތީ އެކަން ނައްތާލާފައިވާ ކަމަސް ވެސް ވިދާޅުވި އެވެ.
ފައްޔާޒުގެ މައްސަލަ އޭސީސީން ބަލަނީ ޕީއެންސީގެ މެންބަރު ސައުދުﷲ ގެ ކުންފުންޏަށް ބަދަލު ދިނުމުން ފައްޔާޒުގެ މައްސަލަ އޭސީސީން ބަލަނީ ޕީއެންސީގެ މެންބަރު ސައުދުﷲ ގެ ކުންފުންޏަށް ބަދަލު ދިނުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ