ފައްޔާޒަށް ތުހުމަތުވާ މައްސަލަ: ސައުދުﷲ ވިދާޅުވީ ބަދަލު ދިނީ ދައުލަތަށް ފައިދާވާ ގޮތަށް ކަމަށް
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކުރުމަށް ޗިޓު ފޮނުވައިފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުންޏަކާ ގުޅުންހުރި މައްސަލައެއްގައި ކަމަށްވާއިރު، ސައުދު ދިފާއުގައި ވާހަކަދައްކަވައިފިއެވެ. އޭސީސީން ފައްޔާޒަށް ފޮނުވި ޗިޓުގައިވަނީ، އޭނާ ހާޒިރުކުރަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންނުވާ ބަދަލެއް ދިނުމަށް 2019ގައި އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމުމުގައި ފައްޔާޒް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކޮށްފައެވެ. އޭގެ އިތުރަށް، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބެންނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި މަސައްކަތްކުރުމުގެ އިތުރުން ފައްޔާޒްގެ އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށް އޭސީސީން ތުހުމަތުކޮށްފައިވެއެވެ. ސްވިފްޓް އިންޖިނިއަރިންގެ ހިއްސާ އޮންނަ ސައުދުﷲ، އެ މައްސަލައާ ގުޅޭ ގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެ ކުންފުނިން ކުރިއަށްގެންދިޔަ ހަ މަޝްރޫއަކުން ކުންފުނި ވަކިކުރީ ގާނޫނާއި ގަވައިދާ ޚިލާފަށް ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލައިގައި ކުންފުނިން ބޭނުންވަނީ ފައިސާތޯ ނުވަތަ މަޝްރޫއުތައްތޯ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ ސެޓުލްމެންޓް ކޮމިޓީން އެހި ކަމަށެވެ. "އެހުމުން އަޅުގަނޑު ދެންނެވީ ފައިސާގެ ބަދަލުގައި ވަކިކުރި ޕްރޮޖެކްޓްތަކުގެ ބަދަލުގައި އެ ޕްރޮޖެކްޓްތަކުގެ ވެލިއުއަށް ފެތޭ ގޮތަށް ޕްރޮޖެކްޓް ދިނުމަށް. އެހެންކަމުން ސްވިފްޓްއަށް ބަދަލެއްގެ ގޮތުގައި ފައިސާ ދީފައިނުވޭ،" ސައުދުﷲ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފައިސާ ދިނުމުގެ ބަދަލުގައި، ކުންފުނިން ނެގި ހަ މަޝްރޫއުގެ ތެރެއިން ހަތަރު މަޝްރޫއެއްގެ އަގަށް ފެތޭ ގޮތަށް ފަސް މަޝްރޫއެއް އެ ސްވިފްޓްއަށް ދިން ކަމަށެވެ. "އަނެއް ދެ ޕްރޮޖެކްޓަށް ބަދަލެއްގެ ގޮތުގައި ފައިސާ ވެސް އަދި ޕްރޮޖެކްޓް ވެސް ދީފައިނުވޭ. މިކަމުގެ ސަބަބުން ދައުލަތަށް ލިބިފައިވަނީ ފައިދާ. ކޯޓަށް ދިޔަނަމަ ބޮޑު އެއްޗެއް ސްވިފްޓަށް ދޭން ޖެހުނީސް،" ސައުދުﷲ ވިދާޅުވިއެވެ. ފައްޔާޒް އޭސީސީއަށް ހާޒިރުވުމަށް އަންގާފައިވަނީ، އަންނަ ހޯމަ ދުވަހު ހެނދުނު 09:30 އަށް އެ ކޮމިޝަން ހިންގާ މ. ފިނިވަރު، ހަތްވަނަ ފަންގިފިލާއަށެވެ. އެ މައްސަލައިގައި ފައްޔާޒު ވެސް ވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ބިރު ދައްކަން އުޅޭ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. https://sun.mv/212439 ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލުގައި ބައެއް ފަރާތްތަކަށް ބަދަލުދިން ގޮތުން, ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި، ފައްޔާޒުގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްސަލަ ބަލައި އަވަސް ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އޭސީސީއަށް އެންގީ ޑިސެންބަރު 17، 2024 ގައެވެ. މިދިޔަ ސަރުކާރުން އެކި ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ