ތިމާއަށް ހޯދިފައިވާ ކާމިޔާބީތަކަށް ފަޚުރުވެރިވާއިރު އެންމެކުޑަމިނުން މި 3 ކަންތަކުން އެންމެ ކަމެއްވެސް ކުރެވޭނަމަ ޤިޔާމަތް ދުވަހު ފަޚުރުވެރިވެވޭނީ ކިހިނަކުންތަ؟

އަހުރެންގެ ވާހަކަ އަޑުއަހަން މިތަނުގައި ހުރިހާ ޢުމުރެއްގެ މީހުން އެބަތިއްބެވެ؟ އެހެންވެ އެންމެ ކުޑަކުދިން ނޫން އެންމެންނާއި ބައެއް ސުވާލުތައް ކޮށްލާނަމެވެ! ވިސްނައި ޢަމަލުކުރަން އެންމެންނަށްވެސް ފުރުޞަތު އަދި އެބައޮތެވެ! 
ލޮބުވެތި އެކުވެރިންނޭވެ! ޢުމުރުން މިހައިތަނަށް އައުދެވުނުއިރު، ހަމަ ހުރެލާފައި ﷲ ތަޢާލާއަށް ލޯބިން ﷲ ތަޢާލާގެ ޙަޟްރަތަށް ސަޖިދައެއް ޖަހައިލާހިތްވެގެން ކިތައް ނަމާދުކޮށް ކިތައް ސަޖިދަ ޖަހައިފިން ހެއްޔެވެ؟ 
ޢަދަދު ނުއެނގޭހައި ގިނައިން ކުރެވިފައިވާނަމަ ތިބާ ތިއަވަނީ ސަލާމަތުގެ އައްސޭރީގައެވެ. އިން ޝާ ﷲ. އެކަމަކު އެންމެ ފަހަރަކުނަމަވެސް ނުކުރެވި އޮތްނަމަ ތިބާއަށް، ތިބާއަކީ ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކު ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ 
އަދިވެސް ސުވާލެއް ކޮށްލާނަމެވެ. ޢުމުރުން މިހައިތަނަށް އައުދެވުނުއިރު އެކަނި އިނދެ ﷲ ތަޢާލާއަށް ބިރުވެތިވެ ކިތައް ފަހަރު ކަރުނައަޅައިފިން ހެއްޔެވެ؟ 
ބައިވަރުފަހަރު އެޅިފައިވާނަމަ ޤިޔާމަތް ދުވަހު ތިބާ ހުންނާނީ ޢަރުޝީގެ ހިޔާވަހިކަމުގެ ދަށުގައެވެ. އިން ޝާ ﷲ. އެކަން ޙާޞިލް ނުކުރެވި އޮތް ނަމަ ޙާޞިލްކުރެވޭތޯ ގަދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ. އެންމެފަހު ނޭވައާއި ހަމައަށްވެސް އެ މަސައްކަތް ހުއްޓައިނުލާށެވެ! 
އަދިވެސް އިތުރު ސުވާލެއް ކޮށްލާނަމެވެ. ކޮންމެ މީހަކީވެސް ފާފަ ކުރެވޭނެ މީހެކެވެ. ޢުމުރުން މިހައި ހިސާބަށް އައުދެވުނުއިރު ފާފައެއް ކުރެވުމުން އެންމެ ފަހަރަކު ނަމަވެސް ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން އުފެދި އެފާފައެއް ކުރުން ހުއްޓައިލެވިއްޖެ ހެއްޔެވެ؟ 
އެކަން ޙާޞިލްކުރެވިފައިވާނަމަ ތިބާ ހިމެނޭނީ ﷲ ތަޢާލާއަށް ބިރުވެތިވާ އަޅުންގެތެރެއިންނެވެ. ޙާޞިލް ނުކުރެވި އޮތްނަމަ ޙާޞިލްކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ފާފަކުރުމުން ދުރުހެލިވެވޭނެއެވެ. 
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ކަންކަމަށް ހޭލުންތެރިވާށެވެ. ތިމާ އާއި ﷲ ތަޢަލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ބަދަހިކުރަން މިބުނި ފަދަ ކަންކަން ކުރެވޭތޯ މަސައްކަތްކުރާށެވެ! އެމީހަކު މަސައްކަތްކުރާ ވަރަށްވުރެ މާބޮޑަށް އެމީހަކާއި ﷲ ތަޢާލާ ކުއްތަންވެ ވޮޑިގަންނަވާނެތެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ