ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތަކުގެ ގުރު ނަގަން ފަށައިފި

ބިންވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލެ ތިންވަނަ ފިޔަވަހީން ގޯތި ލިބިިފައިވާ ފަރާތްތަކަށް ގޯތި ލިބޭނެ ސަރަހައްދުތައް ކަނޑައެޅުމަށް ނަގާ ގުރުއަތުލުން މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭން އަށް ބަދަލު ގެނެސް، އާ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށްފައިވާތީ، އެތުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވެ އެވެ. މިއަދު ކުރިއަށް ދަނީ، އެ ބަދަލާ ގުޅިގެން ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކަށް އާ ލޮޓް ނަންބަރުތަކެއް ކަނޑައެޅިފައިވާތީ، އެ ސަރަހައްދުތައް ކަނޑައެޅުމަށް ގުރުއަތުލުމުގެ މަސައްކަތެވެ.
ހައުސިން މިނިސްޓްރީން ބުނިގޮތުގައި މިއަދު 698 ގޯތީގެ ގުރުއަތު ނެގުން ކުރިއަށްދާނެ އެވެ.
ތަފްސީލް - ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދަނީ، ކަލާފާނު ސްކޫލުގައި، އެކަމަށް ކަނޑައަޅާފައިވާ މިނިސްޓްރީގެ މުވައްޒަފުންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ގުރުއަތުލާ ހޯލަށް ވަދެވޭނީ، ބިން ލިބިފައިވާ މީހުންގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެކަކަށެވެ. ގުރުއަތުލާއިރު ޕްލޮޓް ކަނޑައެޅޭ މީހުންނަށް ވަގުތުން ލިބުނު ޕްލޮޓް ނަންބަރު އެސްއެމްއެސްގެ ޒަރިއްޔާއިން ލިބިގެންދާނެ ކަމަށް ބުންޏެވެ.
ގޯތިލިބޭ ފަރާތްތަކުގެ ގުރުއަތުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުންތަކާގުޅޭ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށާއި ބިން ހިއްކާ ނިމުމުން، ގޯތި ލިބިފައިވާ ފަރާތްތަކާ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލް:
1650 އަކަފޫޓުގެ 181 ގޯތި 
2050 އަކަފޫޓުގެ 242 ގޯތި 
2450 އަކަފޫޓުގެ 132 ގޯތި 
2850 އަކަފޫޓުގެ 62 ގޯތި 
3250 އަކަފޫޓުގެ 41 ގޯތި 
3650 އަކަފޫޓުގެ 16 ގޯތި 
4000 އަކަފޫޓު 24 ގޯތި
އެނގުން މުހިންމު - ގުޅިފަޅުން ދޭން ނިންމާފައިވަނީ 2438 ގޯއްޗެވެ. އަދި ގިރާވަރު ފަޅުން 5187 ގޯތި ދިނުމަށް ނިންމާފައިވެ އެވެ. ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 1347 މީހެއްގެ ގޯތި ގުޅިފަޅަށް ބަދަލުކޮށްދޭން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ