ރައީސް މުހައްމަދު މުއިއްޒު މިއަދު ސިންގަޕޫރަށް ފުރާވަޑައިގަތީ، މިވަގުތު ރާއްޖެއިން ބޭރަށް އަރުވާލެވިގެން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއާ ބައްދަލު ކުރައްވަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެކްސްގައި ގެންގުޅުއްވާ "އަނެއްދިވެހިރާއްޖެ" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމްއާއެކު މަޝްވަރާތަކެއް ކުރިއަށްގެންދެވުމަށް ކަމަށް ހަބަރު ލިބިވަޑައިގެންފައިވާ ކަމަށެވެ.
"ރައީސް ޑރ. މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ މަޖިލިސް ނައިބު ރައީސް އަހުމަދު ނާޒިމްއާ ވާހަކަ ދެއްކެވުމަށް ކަމަށް ހަބަރު ލިބޭ. ނާޒިމް، ޑރ. މުއިއްޒުއާ ވާހަކަ ދައްކަވާނެ ކަމަކަށް ލަފައެއް ނުކުރެވޭ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ނާޒިމް ރާއްޖެ ދޫކުރައްވާ ވަޑައިގަތީ އޭނާ ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުމުންނެވެ. އެއިރު މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އޭނާ ވަކި ކުރުމުގެ މަސައްކަތްތަކެއް ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން އޮތީ ފަށައިފަ އެވެ.
ނާޒިމް ވަކި ކުރަން ޕީއެންސީގެ މެންބަރުން ސޮއިކޮށް މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ އޭނާ މަސައްކަތް ކުރެއްވީ ވަކި ސިޔާސީ ފިކުރަކަށް ބުރަވެވަޑައިގެން ކަމަށާއި މަޖިލިސް ތެރޭގައި ފިތުނަ އުފައްދަން މަސައްކަތް ކުރައްވާފައިވާ ކަމަށް ތުހުމަތުކޮށެވެ.
"މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި ފިތުނަ އުފައްދައި ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުންދާތީ އާއި މަޖިލީހުގެެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ ތައައްސުބުވެފައިވުމުގެ އިތުރަށް މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ނައިބު ރައީސް ހިތްވަރު ދީ ޒިންމާއިން ބަރީއަވެފައިވާތީ،" އެ މައްސަލާގައި ބުނެެފައިވެ އެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމްއަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ސިޔާސީ ބޭފުޅާ އެވެ. މީގެ ކުރިން 2009 އިން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ވެސް މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ނާޒިމް ހުންނެވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު ވެސް ނާޒިމް ވަރަށް ގާތުން މަސައްކަތް ކުރެއްވި އެވެ. ޔާމީންގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ޕީޕަލްސް އެލަޔަންސްގެ އިސް ރޯލުތަކެއް ވެސް ނާޒިމް އަދާ ކުރެއްވި އެވެ.
ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ޖެހުނު ސިޔާސީ މައްސަލައެއްގައި 2015 ވަނަ އަހަރު މަކަރާއި ހީލަތުގެ ކުށް ސާބިތުކޮށް އޭނާ 25 އަހަރަށް ޖަލަށްލި އެވެ. ހަމަ އެ އަހަރު، ބޭސްފަރުވާ ކުރުމުގެ ހުއްދައެއްގެ ދަށުން ސިންގަޕޫރަށް ފުރާވަޑައިގަތުމަށްފަހު އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތް އޭނާ ހޯއްދެވި އެވެ.
ނާޒިމް އެނބުރި ދިވެހިރާއްޖެއަށް ވަޑައިގަތީ އޭނާގެ މައްޗަށް ކޮށްފައި އޮތް ހުކުމް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ބާތިލް ކުރުމުންނެވެ.
ނަޝީދު ވިދާޅުވަނީ މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމްއާ ބައްދަލު ކުރައްވަން ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ