ނަޝީދުގެ އަރިހުން އާންމު މެންބަރުން މައާފަށް އެދޭކަށް ނުޖެހޭނެ: މީކާއީލް

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިހުން އެމްޑީޕީގެ އާންމު މެންބަރުން މަޢާފަށް އެދެން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް، ނަޝީދާ ދެކޮޅަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީ މެންބަރުންގެ ކިބައިން ނަޝީދު އިއްޔެ މަޢާފަށް އެދިވަޑައިގަތީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު، 2023ވަނަ އަހަރު އެމްޑީޕީ ދޫކުރައްވައި ވަޑައިގަތުމަށްފަހު އެ ޕާޓީއާ ދެކޮޅަށް މަސައްކަތްކުރުމުން ކަމަށް ވިދާޅުވެއެވެ. ނަޝީދު މަޢާފަށް އެދިވަޑައިގަތީ، ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީ ދޫކުރައްވައި ދިއުމަކީ މަޢާފަށް އެދެން ޖެހޭނެ ކަމެއް ކަމަށް ބުނެ، އެ ޕާޓީގެ އާންމު މެންބަރަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ. އެކަމަކު އެމްޑީޕީގެ މެންބަރުން، ނަޝީދުގެ ކިބައިން މަޢާފަށް އެދެން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންވެ، ހއ. ކެލައަށް ކެމްޕެއިނަށް މީކާއީލް ވަޑައިގަތުމުން، އެމްޑީޕީގެ އާންމު މެންބަރަކު ވަނީ އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަޙްމަދު ނަސީމް --- ފޮޓޯ/ އިތުބާރު ކެމްޕެއިން ޓީމް "އަޅުގަނޑު ހަމަ އެއްވެސް ވަރަކަށް ގަބޫލެއް ނުކުރަން ރައީސް ނަޝީދެއް ނޫން، އެއްވެސް މީހެއްގެ ފަރާތުން އެމްޑީޕީގެ އާންމު މެންބަރުން މައާފަށް އެދެން ޖެހޭނެ ކަމަކަށް،" މީކާއީލް ވިދާޅުވިއެވެ. އެމްޑީޕީ ވަރުގަދަ ސިޔާސީ ޕާޓީއަކަށް ހެދީ އެ ޕާޓީގެ އާންމު މެންބަރުން ކަމަށާއި، ނަޝީދާއި ޞާލިޙް ރައީސުންގެ ގޮތުގައި އިންތިޚާބުވެވަޑައިގަތީ އެމްޑީޕީގެ އާންމު މެންބަރުންވީ ގުރުބާނީގެ ސަބަބުން ކަމަށް، މީކާއީލް ވިދާޅުވިއެވެ. މީކާއީލް ވިދާޅުވީ، ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ޝަރަފު ވެސް ނަޝީދަށާއި ޞާލިޙަށް ލިބިވަޑައިގަންނަވަނީ އާންމު މެންބަރުންގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، 2023ވަނަ އަހަރު ފެނިގެން ދިޔައީ އޭގެން އެއްވެސް ކަމަކަށް ރިއާޔަތްނުކޮށް، ސިޔާސީ މަންފާއެއް ހާސިލްކުރުމަށްޓަކައި އެމްޑީޕީގެ އެތައް ހާސް މެންބަރުންނެއް މަގުމަތިކުރި މަންޒަރެވެ. "އެހެންވީމާ ކުރުކޮށް ދަންނަވާނަމަ އަޅުގަނޑު ގަބޫލެއްނުކުރަން، އެމްޑީޕީގެ އާންމު މެންބަރުން އެއްވެސް މީހެއް ކިބައިން މަޢާފަށް އެދެންޖެހޭ ވަރުގެ އެއްވެސް ކަމެއް ކުރި ކަމަކަށް،" މީކާއީލް ވިދާޅުވިއެވެ. ނަޝީދުގެ ނުރަސްމީ 'އެކްސް' އެކައުންޓުން މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ، 2023 އެމްޑީޕީއަށް ނާކާމިޔާބުވި އެންމެ ބޮޑު ސަބަބަކީ ޞާލިޙަށް އޮތް މަގުބޫލުކަން ކުޑަވުމުން ކަމަށެވެ. https://sun.mv/222397 ފާހަގަކުރެވޭ ގޮތުގައި، އޭރު ވެރިކަމުގައި ހުންނެވި ޞާލިޙާއި ނަޝީދާ ދެ ބޭފުޅުންގެ ޚިޔާލުތަފާތުވެ، އެމްޑީޕީގައި ދެ ފެކްޝަނެއް އުފެދުނެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ނަޝީދުގެ ފެކްޝަނުން، ޞާލިޙްގެ ފެކްޝަންގެ ބޭފުޅުންނަށް ސީދާ ގޮތެއްގައި އެކި ތުހުމަތުތައް ވެސް ކުރިއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޔާމީންގެ އިތުރުން ކުރީގެ ރައީސް ޞާލިޙް އެކުގައި ބައްދަލުކުރެއްވުން -- ސަން ފޮޓޯ: މުޙައްމަދު ޝާޠިޢު ޢަބްދުالله ޖަނަވަރީ 28، 2023ގައި ބޭއްވި ޕްރައިމަރީން ޞާލިޙް ކާމިޔާބުވުމުން ދެ ފެކްޝަންގެ ކޯޅުން އިތުރަށް ގޯސްވެ، ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އެ އަހަރުގެ މެއި މަހުގެ މެދުތެރެއިން އެމްޑީޕީއާ ވަކިވިއެވެ. ނަޝީދަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން އެ މަނިކުފާނު އެމްޑީޕީން ވަކިވެވަޑައިގަތީ ޖޫން 21، 2023 ގައެވެ. ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން އުފެއްދެވި ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރި، ނަމަވެސް، އެ ޕާޓީގެ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ ހަތް އިންސައްތަ ވޯޓެވެ. ދެވަނަ ބުރަށް ނުދިއުމުން ވެސް އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރަން ޑިމޮކްރެޓްސްއިން ދެކޮޅު ހެދިއެވެ. އެއީ އެމްޑީޕީއަށް ލިބުނު ގެއްލުމަކަށްވެ، ޞާލިޙު އިންތިޚާބުން ނާކާމިޔާބުވީއެވެ. އެކަމަަކު މިދިޔަ އަހަރުގެ ޖޫން 23 ގައި ނަޝީދާއި އެ މަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން ވަނީ އަލުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި އަންނަ މަހު އޮންނަ އެމްޑީޕީ ޗެއާޕާސަން އިންތިޚާބާއެކު، ޕާޓީގެ އެތެރޭގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. އެގޮތުން، ޗެއާޕާސަންކަމަށް ނަޝީދު މެދުނުކެނޑި ކެމްޕޭން ކުރައްވާއިރު ޞާލިޙް ވަނީ އެމަނިކުފާނު ތާއީދުކުރައްވަނީ މީކާއީލަށް ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ މިއީ ޗެއާޕާސަންކަމަށް ނަޝީދު ވާދަކުރައްވަންވީ ވަގުތު ނޫން ކަމަށާއި، ތިން ރައީސުން އެކުގައި ފެށި ހަރަކާތުގައި ދެމިހުންނަވަންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު ނަޝީދާއި ޞާލިޙް އަންނަނީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަމުންނެވެ. އެކަމަކު، އެތެރޭގެ އިންތިޚާބުގެ ވާދަވެރިކަމުގައި ނަޝީދާއި ޞާލިޙް އަންނަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް އަމާޒުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ