ދެވަނަ ޓްރާންޗުގައި އޭޑީކޭއިން 70 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކައިފި
އޭޑީކޭ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ 120 މިލިއަން ރުފިޔާގެ ބޮންޑު ޕްރޮގްރާމުގެ ދެވަނަ ޓްރާންޗް އޯވާ ސަބްސްކްރައިބްވެ، ކާމިޔާބުކަމާއެކު ވިއްކައިލައިފިއެވެ. އޭޑީކޭ ހޮސްޕިޓަލުން ބުނީ، އޭޑީކޭ ބޮންޑުގެ ދެ ވަނަ ޓްރާންޗްގައި ވިއްކީ 70 މިލިއަން ރުފިޔާގެ ބޮންޑެއް ކަމަށެވެ. މިއީ ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭ ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން މެދުވެރިވެގެން ކެޕިޓަލް މާކެޓް މެދުވެރިކޮށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު ފަންޑް ރެއިޒިން ޕްރޮގްރާމު ކަމަށެވެ. އޭޑީކޭ ބޮންޑަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް، އަހަރަކު އަށް ޕަސެންޓު ފިކްސްޑް ކޫޕަން ރޭޓެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ބޮންޑެއް ކަމަށް، އެ ހޮސްޕިޓަލުން ބުންޏެވެ. އެ ބޮންޑު ވިއްކަން ކަނޑައެޅި މިންވަރަށްވުރެ އިތުރަށް އިންވެސްޓަރުން ޝައުގުވެރިވުމުން ދޭހަވަނީ، އޭޑީކޭ ހޮސްޕިޓަލުގެ، ކުރިމަގުގެ ތަސައްވަރާއި ރާއްޖޭގެ ކެޕިޓަލް މާކެޓަށް އިންވެސްޓަރުން ކުރާ އިތުބާރު ބޮޑުވަމުންދާކަން ކަމުގައި، އޭޑީކޭއިން ބުންޏެވެ. އެ ހޮސްޕިޓަލުން އިތުރަށް ބުނީ، ބޮންޑު ވިއްކައިގެން ލިބުނު ފައިސާ ބޭނުންކުރާނީ 13 ބުރީގެ ޢިމާރާތެއް އަޅައި، ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭނެ އިތުރު އެނދުތަކާއި، އައުޓްޕޭޝަންޓް ޚިދުމަތްތަކުގެ އިތުރުން، ޒަމާނީ ސިއްހީ ވަސީލަތްްތަކާއި ބަލިމީހުންނަށް ބޭނުންވާ އެކި ޚިދުމަތްތައް ފުޅާކުރުމަށް ކަމަށެވެ. އަދި މި މަޝްރޫއު ފުރިހަމަކުރެވުމުން، ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަވެ، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ކުރާ ހޭދަ ކުޑަކުރެވޭނެކަމަށް އެ ހޮސްޕިޓަލުން ލަފާކުރެއެވެ. އޭޑީކޭ ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުގެ 13 ބުރީގެ އިމާރާތް އެޅުމަށް މައި ކޮންޓްރެކްޓަރެއްްގެ ގޮތުގައި ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ އައްޔަންކޮށް، މި އަހަރު ފެބްރުއަރީ މަހު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. މިހާތަނަށް އައިއިރު، މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ގޮތުން، ސައިޓް ކްލިއަރަންސް މަސައްކަތްތައް ފުރިހަމަކޮށް، ޢިމާރާތްކުރުމަށް ވާންޖެހޭ ތައްޔާރީތައް ވާން ފަށައިފައިވާ ކަމަށް، ހޮސްޕިޓަލުން ބުންޏެވެ. ކާމިޔާބު ކަމާއެކު، އޭޑީކޭގެ ބޮންޑު އިޝޫކުރުން ނިންމާލެވުމާ ގުޅިގެން، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޢައްފާލް ވިދާޅުވީ، މި ބޮންޑު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލެވުމަކީ، އޭޑީކޭ ހޮސްޕިޓަލުގެ އިތުރުން ރާއްޖޭގެ ކެޕިޓަލް މާކެޓަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އިންވެސްޓަރުންގެ ފަރާތުން ލިބުނު ތަރުޙީބުން ދޭހަވަނީ، މިފަދަ އިންވެސްޓްމަންޓް ފުރުސަތުތަކަށް އޮތް އިތުބާރު ބޮޑުވެފައިވާކަން ކަމަށާއި، ނަތީޖާއެއްގެ ގޮތުން، ސިއްހީ ދާއިރާގެ އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް، ބަލިމީހުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އިތުބާރު ލިބިފައިވާކަން ކަށަވަރުވެގެން ގޮސްފައިވާ ކަމަށް، ޢައްފާލް ވިދާޅުވިއެވެ. މި ބޮންޑުގެ ކާމިޔާބީއާ ގުޅޭގޮތުން، ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ސީއީއޯ ޙަސަން ޒިޔަތު ވިދާޅުވީ، މި ބޮންޑު ކާމިޔާބުކަމާއެކު އޯވަސަބްސްކްރައިބްވެ ނިންމާލެވުމަކީ، އޭޑީކޭގެ އިތުރުން، ކެޕިޓަލް މާކެޓަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އޭނާ ވިދާޅުވީ، އިންވެސްޓަރުންގެ ފަރާތުން ލިބުނު ތަރުޙީބުން އެނގިގެން ދިޔައީ، ހަރުދަނާ ކުންފުނިތަކަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އޮތް މިންވަރު، އަދި ކެޕިޓަލް މާކެޓް އީކޯސިސްޓަމް ފުރިހަމަ ގޮތެއްގައި ތަރައްގީވެފައިވާކަން ކަމަށެވެ. އޭޑީކޭ ހޮސްޕިޓަލަކީ، އޭޑީކޭ ގްރޫޕްގެ ދަށުން ހިނގަމުން އަންނަ، ދިވެހިރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ޓާޝަރީ ހޮސްޕިޓަލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ