ހއ. ބާރަށުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުން އެމްޓީސީސީން ގަވާއިދާ ހިލާފަށް ރުއްގަސް ކަނޑާފައިވާތީ އެންވަޔަރްމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން އެމްޓީސީސީ 550،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
އީއާރްއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ބާރަށު ކައުންސިލްގެ އެދުމުގެ މަތިން އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން އެރަށް ވަށައިގެން މަގެއް ހެދުމުގެ މަސައްކަތުގެ ތެރޭގައި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުން ރުއްގަސް ނަގާފައިވާ ކަމަށެވެ.
އެ ރަށުން ރުއްގަސް ނެގި ސަރަހައްދު ތެރޭގައި ކުޅި އާއި ފާ އަދި ޗަސްބިމުގެ ސަރަހައްދު ހިމެނޭ ކަމަށާއި އަދި ރުއްގަސް ނެގީ ގާނޫނާއި ގަވާއިދާ ހިލާފަށް އަދި އީއާރްއޭގެ ހުއްދަނެތި ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އެކަމާ ގުޅިގެން އިންސްޕެކްޝަނެއް ހެދިއިރު، ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ އިތުރުން އެހެން ސަރަހައްދަކުން ވެސް ރުއްގަސް ނަގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އެހެންވެ އެމްޓީސީސީ 550،000ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެއީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާއަށްވާ 500،000ރ. އާއި ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާއަށްވާ 50،000ރ. ކަމަށް ވެސް އީއާރްއޭއިން ބުންޏެވެ.
އޭގެ އިތުރުން ބާރަށުގެ ވަށައިގެންވާ މަގު ހެދުމަށްޓަކައި، ރުއްގަސް ކެނޑުމުގައި ރަށުގެ ހޭޅިފަށުންނާއި ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން އެއްވެސް ރުއްގަހެއް ނުކެނޑުމަށް އީއާރްއޭއިން އަންގާފައިވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އެމްޓީސީސީގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ބާރަށު ކައުންސިލުން އެ އޮތޯރިޓީއަށް އެކަން ރިޕޯޓުކޮށްފައި ނުވާ ކަމަށާއި އެހެންވެ، އެއީ އެ ކައުންސިލުން ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކޮށްފައިވާ ކަމެއްކަމަށް އީއާރްއޭއިން ބުނެފައިވެ އެވެ.
އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ބާރަށު ކައުންސިލަށް ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
ބާރަށުން ރުއްގަސް ކެނޑި މައްސަލާގައި އެމްޓީސީސީ ޖޫރިމަނާ ކުރިއިރު، މީގެކުރިން އެފަދަ މައްސަލައެއްގައި އެރަށު ކައުންސިލް ވެސް ޖޫރިމަނާކުރި އެވެ.
ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުމުން އެމްޓީސީސީ 550,000ރ. އިން ޖޫރިމަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ