ތުހުމަތު ކުރި ބީއެމްއެލްގެ މާލީ ބަގާވާތް ؛ މައްސަލަ ފައިލްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އެ ބޭންކުގެ ބޯޑުން ނިންމި ޕްރޮފެޝަނަލް ނިންމުމަކީ "މާލީ ބަގާވާތެއް" ކަމަށް ރައީސް މުހައްމަދު މުއިއްޒު ތުހުމަތު ކުރެއްވިތާ ގާތްގަނޑަކަށް ދެ އަހަރު ފަހުން، އެ ނިންމުމުގައި ޖިނާއީ ކުށެއް އެކުލިވެގެން ނުވާ ކަމަށް ކަނޑައަޅައި، ދިވެހި ފުލުހުންގެ ހިދުމަތުން އެ މައްސަލަ ފައިލްކޮށްފި އެވެ. ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި އާ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް 25 އޮގަސްޓު 2024ގައި ނިންމި އެވެ. އެ ދުވަހު ހެނދުނު ނިންމި ނިންމުން ހަމަ އެ ދުވަހުގެ ހަވީރު ބޭންކުން ބަދަލުކުރީ މަރުކަޒީ ބޭންކް އެމްއެމްއޭއިން ބީއެމްއެލްއަށް ބޭރު ފައިސާ ހޯދުމުގައި އެހީތެރިކަން ދޭ ގޮތަށެވެ.ބީއެމްއެލްގެ އެ ފިޔަވަޅަކީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އަޑީގައި އޮވެގެން ރާއްޖޭގައި މާލީ ބަގާވާތެއް ހިންގަން ކުރި މަސައްކަތެއް ކަމަށް ތުހުމަތުކޮށް އެ މައްސަލަ ފުލުހުން އޭރު ބަލަން ފެށި އެވެ. އެގޮތަށް ތުހުމަތުކުރައްވާ ރައީސް މުހައްމަދު މުއިއްޒު ވެސް އޭރު ވިދާޅުވީ އެކަންކުރި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.ނަމަވެސް ބީއެމްއެލްގެ މައްޗަށް ކުރި ތުހުމަތުގައި އެއްވެސް އަސްލެއް ނެތުމުން، އެ މައްސަލަ ފައިލްކުރިކަން ހާމަކުރީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އާއްމު ފަރާތަކުން ހުށަހެޅި ހުށަހެޅުމަކަށް މި މަހުގެ އަށްވަނަ ދުވަހު ފުލުހުން ދިން ޖަވާބުގަ އެވެ. "މި ހިދުމަތުގެ ރިކޯޑްތަކުން ދައްކާ ގޮތުން، 2024 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްގެ ނިންމުމަކާ ގުޅިގެން އުފެދުނު ކަންތައްތަކާ އެކު ކުރެވުނު ތުހުމަތުތައް ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ފަދަ ހާލަތެއް ނެތުމާ އެކު އެ ކަމަކީ ކްލޯސްކޮށް ނިންމާފައި އޮތް ކަމެކެވެ." ފުލުހުން ލިޔުމުން ފޮނުވި ޖަވާބުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ