އިތުރު 2 މީހެއްގެ ގައިން ހިމަބިހި ފެނިއްޖެ

އިތުރު ދެ މީހެއްގެ ގައިން، ހިމަބިހި (މީސަލްސް) ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް، މާލޭގެ ސަރަހައްދުން ހިމަބިހީގެ ދެ ކޭސް ވަނީ ފެނިފަ އެވެ. އެއާ އެކު، މި އަހަރުގެ މިހާތަނަށް މި ބަލި ފެނުނު މީހުންގެ އަދަދު މިހާރު ވަނީ ހަތަކަށް އަރާފަ އެވެ.
ތަފްސީލް - އެޗްޕީއޭން ބުނި ގޮތުގައި، އެ ކޭސްތަކުން، ޖުމްލަ 74އަށް ވުރެ ގިނަ ކޮންޓެކްޓުން ވަނީ ފާހަގަ ކުރެވިފަ އެވެ.
ހިމަބިހީގެ ކޭހެއް ފެނުމާ އެކު އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން، ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހަދާ، ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ ކަމަށް އެ ތަނުން ބުންޏެވެ.
މިއީ ވަރަށް ފަސޭހަކަމާ އެކު ގައިން ގަޔަށް އަރާ ބައްޔެކެވެ. ބަލި އާއްމުކޮށް ފެތުރެނީ ކެއްސާ އަދި ކިނބިހި އެޅޭއިރު ބޭރުވާ ޖަރާސީމުންނެވެ.
އެޗްޕީއޭން ވަނީ، ހުން އައުމާ އެކު ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފަ އެވެ.
ފާހަގަ ކުރެވޭ - ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ބައްޔެކެވެ. ނަމަވެސް 2023 ވަނަ އަހަރު ވެސް މި ބަލީގެ ކޭސްތަކެއް ފެނިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ