ހަނގުރާމައިގައި އެމެރިކާގެ 42 ވައިގެ އުޅަނދު ގެއްލުނު

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގައި، މިހާތަނަށް އެމެރިކާއަށް 42 އަސްކަރީ ވައިގެ އުޅަނދެއް ގެއްލުނުކަމަށް ރަސްމީ ރިޕޯޓެއްގައި ބުނެފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި ޢުދުވާނުގެ ރައްދުގައި އީރާނުން ވެސް ވަނީ ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ.
މިގޮތުން، ގަލްފުގެ އެކި ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް އީރާނުން ވަނީ ޑްރޯނާއި މިސައިލް ބޭނުންކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.
އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހަށް އެކި ކަންކަމުގައި ދިރާސާތައް ހަދައިދޭ ކޮންގްރެޝަނަލް ރީސަރޗް ސަރވިސް (ސީއާރުއެސް)އިން ނެރުނު ރިޕޯޓެއްގައި ބުނީ، އީރާނާ ދެކޮޅަށް މި ޣައިރުޤާނޫނީ ހަނގުރާމަ ފެށި ފަހުން، ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ 42 އަސްކަރީ ވައިގެ އުޅަނދަކަށް ގެއްލުންވެފައިވާ ކަމަށެވެ.
އޭގެތެރޭގައި، އެންމެ ފަހުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރާއި އަސްކަރީ ޑްރޯންތައް ހިމެނޭކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓުގައި ބުނި ގޮތުގައި، އޭގެ ތެރެއިން އެއް ބައި އުޅަނދުތައް ވައްޓާލާފައިވާއިރު، އެހެން ބައެއް އުޅަނދުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
ޤާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަކަށް މެއި މަހުގެ 12ވަނަ ދުވަހު މަޢުލޫމާތު ދެއްވަމުން، އެމެރިކާގެ ދިފާޢީ ވުޒާރާގެ އިސް އޮފިޝަލެއް ކަމަށްވާ ޖޫލްސް ހަރސްޓް ވިދާޅުވެފައިވާ ގޮތުގައި، އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެހާަނަށް 29 ބިލިއަން އެމެރިކާ ޑޮލަރު ހޭދަވެފައިވާ ކަމަށެވެ.
އޭގެތެރޭގައި، ގެއްލުން ލިބިފައިވާ އަސްކަރީ އުޅަނދުތަކާއި އާލާތްތްތައް މަރާމާތު ކުރުމުގެ ޙަރަދު ވެސް ހިމެނޭކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އީރާނުގެ ޙަމަލާތަކުގެ އިތުރުން ރަޙްމަތްތެރި ޤައުމުތަކުން އޮޅުމަކުން ދެވިފައިވާ ޙަމަލާތަކުގެ ސަބަބުން އެމެރިކާގެ އަސްކަރީ ސާމާނަށް ގެެެއްލުން ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ