ފުލުހުންގެ ވަޒީފާއިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި، ވަޒީފާއިން ވަކިކުރި މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ހައި ކޯޓުން ކުރި ހުކުމުގެ މުސާރަ ދޭން އެންގި ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މީގެ 12 އަހަރު ކުރިން، 2014 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު ޝިޔާމް ވަޒީފާއިން ވަކިކުރިއިރު އޭނާ ހުންނެވީ ފުލުހުންގެ ސައުތު ޑިވިޝަންގެ ކޮމާންޑަރުގެ މަގާމުގައެވެ. އޭނާ ވަޒީފާއިން ވަކިކުރީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް އަދި ކޯޑް އޮފް އެތިކްސްއާ ހިލާފުވި ކަމަށް ބުނެ، ހަތަރު މަސް ދުވަހު ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހުއެވެ.
މި މައްސަލަ ޝިޔާމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރިން ނިންމާފައި އޮތީ އޭނާއަށް ވަޒީފާދޭން އަންގާނެ ތަނެއް ނެތް ކަމަށެވެ. ނަމަވެސް، އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ޝިޔާމް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ނޫން ކަމަށް ކަނޑައަޅާފައެވެ. އަދި އޭނާގެ މައްޗަށް ކުރެވުނު ސުލޫކީ މައްސަލަތައް ސާބިތުކުރުމަށް އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާ ކަމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތުވެސް ދީފައި ނުވާކަން ހައި ކޯޓުން ފާހަގަކުރިއެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ ޝިޔާމަށް ކުރިން ހުރި ފެންވަރުގެ މަގާމެއް އަލުން ދިނުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ލިބެންޖެހޭ ހުރިހާ މުސާރައަކާއި އިނާޔަތްތަކެއް ދިނުމަށެވެ. ދައުލަތުން މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލާގައި އެދިފައިވަނީ މި 12 އަހަރުގެ މުސާރަ އާއި އިނާޔަތް ދޭން އެންގި ބައި ބާތިލުކޮށްދިނުމަށެވެ.
ދައުލަތުން މި މައްސަލަ އިސްތިއުނާފު ކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކުގައިވާ ގޮތުން، މީހަކަށް އަލުން ވަޒީފާދޭ ހާލަތުގައި މުސާރައިގެ ގޮތުގައި ނަގައިދެވޭނީ ގިނަވެގެން ހަ މަސް ދުވަހުގެ މުސާރަ އާއި އިނާޔަތެވެ. އަދި ވަޒީފާ އަނބުރާ ނުދޭނަމަ އެއް އަހަރުގެ މުސާރަ ދޭންޖެހޭނެ އެވެ.
ޝިޔާމަށް 12 އަހަރުގެ މުސާރަ ދޭން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ