މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގައި މުޖުރިމް އަމަލެއް ނެތް، ގޯހެއް ވާނަމަ ކޯޓުން ގޮތް ނިންމާނެ: ގާސިމް

ރައްޔިތުންގެ މަޖިލީހަށް އިންތިބާވާއިރު އެ މެމްބަރަކު ތަމްސީލު ކުރާ ޕާޓީއެއް ދޫކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ގޯހެއްވާކަމަށް ގަބޫލު ނުކުރެވޭކަމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަހަރަކަށް ވުރެ ގިނަ ދުވަސް މީޑިއާތަކާއި ދުރުގައި ހުންނެވުމަށް ފަހު، ގާސިމް އިއްޔެ ނޫސްވެރިންނާއި ބައްދަލު ކުރައްވާފައި ވަނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާއާއި ދިމާކޮށެވެ. މި އަހަރަށް މަޖިލިސް ހުޅުވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް ގާސިމް ވަނީ ތައުރީފު ކުރައްވާފައެވެ. އަދި ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކައިގައި، އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ވެސް ދެއްވި އެވެ.
ނޫސްވެރިންގެ ގިނަ ސުވާލުތައް އަމާޒުވި މި ޕްރެސްގައި ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބޭނުމަކީ މެމްބަރުން ހިފެހެއްޓުންކަމަށް ގަބޫލު ނުކުރެވޭކަމަށެވެ. އަދި އެއީ ގާނޫނުއަސާސީއާއި ހިލާފު އިސްލާހެއް ނަމަ އެކަމަށް ގޮތެއް ނިންމާނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ކުރާ ހުކުމުގައިކަމަށް ގާސިމް ވިދާޅުވި އެވެ.
އެ އިސްލާހުގައި ގޯހެއް ނެތްކަމަށް ފާހަގަކުރައްވައި، ގާސިމް މިސާލު ދެއްކެވި މަޖިލީހުގައި މެމްބަރުން ޕާޓީ ބަދަލު ކުރުމުގެ ސަގާފަތެވެ. އެގޮތުން ފެހި ގާނޫނުއަސާސީ ވުޖޫދުވެ މަޖިލީހަށް 2009 އިން ފެށިގެން އިންތިހާބުވެގެން އައި އެތައް މެމްބަރުންނެއް ސިޔާސީ ޕާޓީ އެކި ބޭނުންތަކުގައި ބަދަލުކޮށްފައިވާކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން އެންމެ ފުރަތަމަ ދައުރުގައި ވެސް އެމްޑީޕީން އެހެން ޕާޓީތަކުން ގޮނޑި ކާމިޔާބު ކުރި މެމްބަރުން އެ ޕާޓީއަށް ގެންދިޔަކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ގާސިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް އެފަދަ ކަންކަން ތަކުރާރުވެގެން އައިކަމަށެވެ.
އެންޓިޑިފެކްޝަން ގާނޫނާއި ގުޅޭގޮތުން ދެއްކެވި ވާހަކައިގައި ގާސިމް ކުށްވެރި ކުރެއްވީ އެމްޑީޕީގެ ވެރިކަމުގައި ގެނައި އިސްލާހެވެ. އެގޮތުން އެ ގާނޫނުގައި މެމްބަރުން ޕާޓީ ބަދަލުކޮށް އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭ ގޮތަށް ހިމަނާފައި އޮތުމަކީ މާ ބޮޑު ގޯހެއް ނޫންތޯ ސުވާލު އުފެއްދެވިއެވެ. އެއީ ގޯސް ނިޔަތެއްގައި ގެނައި އިސްލާހެއްކަން އެ މަސައްކަތުން އެނގެން އޮތްއިރު، ގާނޫނުއަސާސީއާއި ހިލާފު ފުށުއެރުންތަކެއް ހުރި އިސްލާހަކީ އެއީކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ޕާޓީ ބަދަލު ކުރުވުމުގެ ގޯސް ސަގާފަތް ފެށި ބަޔަކީ އެމްޑީޕީއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ހުށަހަޅުއްވާފައިވާ އެ މައްސަލައިގެ އަޑުއެހުންތައް އަންނަ ހަފްތާގައި ފެށުމަށް ކޯޓުން ވަނީ ތާވަލުކޮށްފަ އެވެ. މި މައްސަލައަށް އިދިކޮޅު އެމްޑީޕީއާއި، ޑިމޮކްރެޓްސް ވަނީ ތަދައްހުލުވުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ