ކޮންޓެއިނަރު ސްކޭން ކުރެވޭނެ ނިޒާމެއް ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި ޤާއިމުކުރަނީ

މަސްތުވާތަކެއްޗާއި ޤަވާއިދާ ޚިލާފު ތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް އޮޕަރޭޝަނަށް ނެރެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ މައި ބަނދަރުގައި ފުލް ކޮންޓެއިނަރު ސްކޭނަރެއް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށާއި، ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެކަމަށެވެ. އަދި މި ނިޒާމާއެކު މިހާރު ޤަވާއިދާ ޚިލާފަށް ތަކެތި އެތެރެކުރާ ކަންކަން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެންދާނެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން މިހާރުވެސް އިންޓެލިޖެންސް އެނަލިސިސްގެ އެހީގައި ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އަތުލައިގަންނަ ތަކެތީގެ މިންވަރު އިތުރުވުމަކީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ހަރުދަނާކަން ހާމަވާ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި، އެ މަސައްކަތް ކުރާ ހުރިހާ އިދާރާތަކެއް މިހާރު ވަނީ ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރެވިފައެވެ. މި ބަދަލާއެކު، ވައިގެ މަގުން އެތެރެވާ ހުރިހާ ޕެކޭޖުތަކެއް ސްކޭން ކުރަން ފަށާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 1,294 ކިލޯގްރާމުގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ