ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އައްޑޫގައި ރަޖިސްޓްރީ ނުކުރާ ބިޔަ ހެވީ ވެހިކަލެއް ދުއްވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ރަޖިސްޓްރީ ނުކުރާ އުޅަނދެއް އައްޑޫގައި ދުއްވާ މަންޒަރުގެ ފޮޓޯ އަދި ވީޑީއޯ އަދަދު އަށް ވަނީ ލިބިފަ އެވެ. އަދި އެއީ އާރްޑީސީގެ ވެހިކަލެއްކަން ވެސް މި ނޫހަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.
އޮރެންޖު ކުލައިގެ ދަވާދު ލާފައި ހުރި އެ ވެހިކަލް ނެރުނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ކުރިން އިއްޔެ އެ ދާއިރާގައި ހުޅުވި ޓާފު ދަނޑުގެ މަސައްކަތަށެވެ. ޓާފުތައް އުފުލާފައި ވަނީ އެ ވެހިކަލުގަ އެވެ.
ދަނޑު ހުޅުވުމުގެ ކުރިން އަދި ދަނޑު ހުޅުވިއިރު، ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފަރާތުން ހިތަދޫ އުތުރު ދާއިރާ ވާދަ ކުރާ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) ބައިވެރިވި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގައި ކުރިން އިންނެވި މުހައްމަދު ސިނާނުގެ ގޮނޑި ގެއްލުނީ އޭނާގެ ކިބައިން މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް އޭޕްރީލް 12، ގައި ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ. މެންބަރު ކަމުގެ ޝަރުތު ގެއްލުނީ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދިޔުމުންނެވެ.
ސޮޑާއާ ދެކޮޅަށް އެ އިންތިހާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަ ކުރައްވަނީ އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އޭނާއަކީ އައްޑޫ ސިޓީގެ މޭޔަރުގެ މަގާމު ވިދިވިދިގެން ތިން ދައުރު އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.
އިންތިހާބުގެ ކުރިން އައްޑޫ ދަނޑު ނިންމަންވެގެން ރަޖިސްޓްރީ ނުކުރާ ހެވީ ވެހިކަލެއް މަސައްކަތުގައި ބޭނުންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ