ރައީސް މުހައްމަދު މުއިއްޒަކީ މުނާފިގެއް އަދި މުރުތައްދެއް ކަމަށް ބުނި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އެ މައްސަލައިގައި ފުލުހުން ތަހުގީގެއް ހިންގަން ފެށީ ސ. ފޭދޫ، ޕިންކްހައުސް، އަހުމަދު ފާއިޒުގެ މައްޗަށެވެ. މާދަމާ 11:30 އަށް އޭނާ ފުލުސް އޮފީހަށް ހާޒިރުވާން މިހާރު ވަނީ އަންގައިފަ އެވެ.
މުއިއްޒަކީ މުނާފިގެއް އަދި މުރުތައްދެއް ކަމަށް ފާއިޒު ބުނީ އިދިކޮޅު ޕީޕަލްސް ނެޝަނަލް ފްރަންޓުން މެއި 2، ގައި ބޭއްވި މުޒާހަރާއެއްގައި ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އެ މުޒާހަރާ ބޭއްވީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ކަމަށްވެ އެވެ.
"އަހުމަދު ފާއިޒު އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވާ ގޮތަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް މުރުތައްދުވެފައިވާ މީހެއް ކަމަށާއި މުނާފިގެއް ކަމަށް ބުނެ ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ،" ފުލުހުން ފާއިޒަށް ފޮނުވާފައިވާ ޗިޓެއްގައި ބުނެފައިވެ އެވެ.
މުއިއްޒަކީ މުރުތައްދެއް ކަމަށް ބުނި މީހެއްގެ މައްސަލަ ބަލަމުންދާއިރު އެއީ ސަރުކާރާ ގުޅިފައިވާ ވަރަށް ގިނަ ފަރާތްތަކުން ސިޔާސީ ވާދަވެރިންނަށް އަމާޒު ކުރާ ތުހުމަތެކެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް ފުލުހުން ތަހުގީގެއް ނުކުރެ އެވެ.
އޭގެ އިތުރުން، މުއިއްޒަށް ގަޒްފު ކުރި ކަމަށް ބުނެ ޕީއެންއެފްގެ ސެނެޓު މެންބަރު އަދި ވަކީލު އަހުމަދު އާސިފުގެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އަދި އޭގެ އިތުރުން ވެސް ޕީއެންއެފްގެ ބައެއް އެހެން މެންބަރުންތަކެއްގެ މައްސަލަތަކެއް ވެސް ފުލުހުން ބަލަމުންދާކަން އެނގިފައިވެ އެވެ.
މުއިއްޒުއާ ދެކޮޅަށް މިފަހުން ވެރި ރަށް މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ވަނީ ބާއްވައިފަ އެވެ. އެއީ އަދަދުގެ ދެ ނޫސްވެރިޔަކު ހައްޔަރު ކުރުމާއި އެހެން ދެ ނޫސްވެރިއެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ބޭއްވި މުޒާހަރާތަކެކެވެ.
އަދަދުގެ މުހައްމަދު ޝަހުޒާން ޖަލަށްލީ މުއިއްޒަށް އަމާޒުވެފައިވާ ޖިންސީ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން 15 ދުވަހަށެވެ. އަދި މި ނޫހުގެ ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށްލީ މުއިއްޒަށް އަމާޒު ކުރެވޭ ތުހުމަތުތަކުގެ ވާހަކަ ކޯޓު އަމުރެއް މެދުވެރިކޮށް ދެއްކުން މަނާ ކުރި ހަބަރު ލިޔެގެންނެވެ.
މުއިއްޒަކީ މުނާފިގެއް އަދި މުރުތައްދެއް ކަމަށް ބުނި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްސަލަ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ