ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދިޔަ ނަމަވެސް، ޝީޝާ މަނާކުރުމާ ގުޅޭގޮތުން އަދި އެއްވެސް މަޝްވަރާއެއް ކުރިއަށްނުގެންދާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަސް އަހަރު ދުވަހުގެ ކެމްޕޭނެއް އިފްތިތާހުކޮށްދެއްވަމުން ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު މަދުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ.
ރާއްޖޭގައި ޝީޝާ މަނާކުރުމުގެ މަޝްވަރާތަކެއް ކުރިއަށްދިއުމާއި އެކަމާ ގުޅޭގޮތުން ސަރުކާރުން އެއްވެސް މަސައްކަތެއް ކުރޭތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެފަދަ މަޝްވަރާއެއް އަދި ކުރިއަށްނުދާ ކަމަށެވެ.
އެގޮތުން މިހާތަނަށް ވެސް ވަކި އުމުރަކުން ދަށުގެ މީހުންނަށް ދުންފަތް މަނާކުރުމާއި ވޭޕް ބޭނުންކުރުން މަނާކުރުން ފަދަ ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ކެމްޕޭންގެ ދަށުން ތައުލީމީ ދާއިރާއާއި ކުޅިވަރާއި ޒުވާނުންގެ ދާއިރާ އަދި ޖަމިއްޔާ ޖަމާއަތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ދުންފަތާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުން ހަރުދަނާކޮށް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެކި ކަހަލަ އިނާޔަތްތަކާއި ލުއިތައް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
ޝީޝާ މަނާކުރުމުގެ މަޝްވަރާއެއް ނުކުރޭ: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ