ހަނގުރާމައާ ހެދި އިންފްލޭޝަން ހަ ޕަސެންޓަށް އަރާނެ: ވޯލްޑް ބޭންކް

މެދުއިރުމަތީގެ ހަނގުރާމައާ ހެދި ރާއްޖޭގައި ތަކެތީގެ އަގުތައް ހަ ޕަސެންޓަށް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކްގެ ރިޕޯޓުގައިވާ ގޮތުން ތަކެތީގެ އަގު އެހާ ބޮޑަށް އުފުލެނީ، ދުނިޔޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގުތައް އުފުލެމުންދާތީ ކަމަށެވެ. އަދި ތަކެތީގެ އަގުތައް އުފުލުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށް ރިޕޯޓުގައިވެ އެވެ. އިންފްލޭޝަން މައްޗަށް ދިޔަ ނަމަވެސް، އަގުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ދޭ ސަބްސިޑީތަކުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭކަން ވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކުރި އެވެ.
ވޯލްޑް ބޭންކްގެ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ އިތުރުން 2028 ވަނަ އަހަރާ ހަމައަށް އިންފްލޭޝަން ރޭޓް ހުންނާނެ ކަމަށް ބެލެވެނީ ހަތަރު ޕަސެންޓަށް ވުރެ މަތީގަ އެވެ. އަދި އޭގެ ސަބަބުން އިމްޕޯޓަށް ބޭނުންވާ ބޭރު ފައިސާ އިތުރުވެ، އަދި ފޮރިން އެކްސްޗޭންޖަށް ޕްރެޝާ ބޮޑުވާނެ ކަމަށް ވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެ އެވެ. 
މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ވެސް ކާބޯތަކެއްޗާއި މަހުގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތަކުގެ އަގުތައް ރެކޯޑް ރޭޓެއްގައި އުފުލިފައިވާ ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އަގުތައް އުފުލުމާ ގުޅިގެން ގޭބީސީތަކުގެ އާންމު ހާލަތަށް އަސަރު ކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ. އަދި މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ އިންފްލެޝަން ރޭޓް އިތުރުވާއިރު އެކަމުގެ އަސަރު ރާއްޖެއަށް އެހާ ބޮޑަށް ކުރަނީ ރާއްޖެއަކީ އިމްޕޯޓަސް ބަރޯސާވާ ގައުމަކަށްވާތީ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ކާބޯތަކެތީގެ އަގު ގާތްގަނޑަކަށް 10 ޕަސެންޓަށް އުފުލޭނެ ކަމަށް ލަފާކުރާއިރު، އެއާ އެކު ރާއްޖޭގެ ފަގީރުކަން ނުވަތަ ޕަވަޓީ 1.6 ޕަސެންޓަށް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.
ހަނގުރާމައާ ހެދި ޓޫރިޒަމް ދާއިރާ ހީނަރުވެފައިވާތީ މިއަހަރު ޖުމްލަކޮށް ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 0.7 ޕަސެންޓަށް ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. އަދި މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާފައިވަނީ 6.3 ޕަސެންޓަށެވެ.
މިއަހަރު އިގްތިސާދު ކުރިއަރާނެ މިންވަރު ދަށްވާނެ ކަމަށް ލަފާކުރި ނަމަވެސް، އަންނަ އަހަރު އަނެއްކާވެސް ރާއްޖޭގެ އިގްތިސާދު 6.7 ޕަސެންޓްގައި ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައިވެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޓޫރިޒަމް ދާއިރާ އަނެއްކާވެސް ރަނގަޅުވެ، ޓޫރިސްޓުން އައުން އިތުރުވާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށް ރިޕޯޓުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ