ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ނާކާމިޔާބުވުމުން ވެސް ޕާޓީގެ ލީޑާޝިޕުން، ޑިމޮކްރަސީގެ ރީތި އުސޫލުތަކާއި ރޫހާ ހިލާފަށް ބަލި ގަބޫލު ކުރައްވަން ދެކޮޅު ހަދަން ފަށައިފި އެވެ.
މިއަދު ބޭއްވި އިންތިހާބު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ތަފާތަކުންނެވެ. ސޯބެ ވަނީ 1375 ވޯޓު ހޯއްދަވައިފަ އެވެ. ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އަށް ލިބިވަޑައިގަތީ 1313 ވޯޓެވެ.
އިންތިހާބުން ބަލިވުމުން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓުގައި ބަލި ގަބޫލު ކުރެއްވި ކަމަށް ވިދާޅުވެފައެއް ނުވެ އެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވި ސޯބެއަށް މަރުހަބާއެއް ވެސް ނުކިޔަ އެވެ.
އޭގެ ބަދަލުގައި ފަލާހު ވަނީ އިންތިހާބުގައި ބެހެއްޓި ބައެއް ފޮށިތަކުން ސޮޑާ ކުރި ހޯދާފައިވާތީ އެކަން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އައްޑޫ ރައްޔިތުން ވަނީ އެ ފޮށިތަކުން "ސޯދިގު ލަދުވެތި ގޮތަކަށް ބަލިކޮށް ލާފައި" ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
"އައްޑޫގައި ދިރިއުޅޭ، ރައްޔިތުން ބުނާ ކަހަލަ އެމްޑީޕީގެ ލީޑާޝިޕް ވަނީ ފެއިލްވެފައޭ. އައްޑޫއާމެދު އިހުމާލުވެފައޭ! [ރައީސް އަބްދުﷲ] ޔާމީނަކަށް އައްޑޫ އިން ޖާގައެއް ނެތޭ! ކަލޭމެން ދެން އައްޑޫއަށް ނާރައްޗޭ!،" ފަލާހު ވިދާޅުވެފައިވެ އެވެ.
ވެރިކަމުގައި ހުންނަވައި ވިދިވިދިގެން ތިން ވޯޓުން ބަލިވި ނަމަވެސް، ރައީސް މުހައްމަދު މުއިއްޒަށް އައްޑޫއިން އޮތް ލޯބި މިއަދު ނާކާމިޔާބުވި އިންތިހާބުން ހާމަވި ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
"މިއަދު ބޭއްވުނު އިންތިހާބުގައި ބެހެއްޓި ހަތް ވޯޓު ފޮށީގެ ތެރެއިން ހަތަރު ވޯޓު ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ބޮޑުތަނުން ކުރި ހޯދުމަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާ ކަމެއް. ރައީސް މުއިއްޒު އަށް އޮތް އިތުބާރާއި ލޯބި ހާމަވާ ކަމެއް،" ފަލާހު ވިދާޅުވި އެވެ.
މިއަދުގެ އިންތިހާބަށްފަހު، ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕާލަމެންޓަރީ ގްރޫޕް ލީޑަރު އިބްރާހިމް ސުޖާއު ވެސް ވަނީ ދިގު މެސެޖެއް އެކްސްގައި ލިޔުއްވާފަ އެވެ. އޭނާ ވެސް ވަނީ ބަލި ގަބޫލު ކުރައްވަން ދެކޮޅު ހައްދަވައިފަ އެވެ.
"ތިރީގައި އެވަނީ ތިން ރައީސުން އެކުވެގެން ބައި-އިލެކްޝަނުން ހޯދި ނަތީޖާއާއި ރައީސް ޑރ. މުއިއްޒު އެކަނި ހޯއްދެވި ނަތީޖާ. ރަނގަޅަށް ބައްލަވާ! ތަފާތު ކުރެވުނީ އެންމެ 62 ވޯޓު.
ރައީސް ޑރ. މުއިއްޒު މިނަތީޖާ ހޯއްދެވީ އެމްޑީޕީގެ ވެރިކަމުގައި ބައި-އިލެކްޝަންތަކުގައި މުޅި ދައުލަތް ލޫޓުވާލި ގޮތަކަށް ނޫން. ކޮމަންޑޫ އާއި ގުރައިދޫ ދާއިރާ އަށް މުޅި ދައުލަތް އޮއްސާލެއްވި ގޮތަކަށް ނޫން،" ސުޖާއު ވިދާޅުވެފައިވެ އެވެ.
އެ ދެ ބޭފުޅުންގެ އިތުރުން މިއަދު ބަލިވި ކެންޑިޑޭޓު ސޮޑާ ވެސް ބަޔާނެއް ނެރުއްވި އެވެ. ސޮޑާގެ ބަޔާނުގައި، އޭނާއަށް "ކާމިޔާބީއާ ހަމަށް ވާސިލުނުވެވުނު" ކަމަށް ވަނީ ގަބޫލު ކުރައްވައިފަ އެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓު ސޯބެއަށް އޭނާ ވެސް މަރުހަބާއެއް ނުކިޔަ އެވެ.
"އިންތިހާބުން އަޅުގަނޑަށް ކާމިޔާބީއާ ހަމައަށް ވާސިލު ނުވެވުނު ކަމުގައި ވިޔަސް ތިޔަ ބޭފުޅުން ދެއްވި ކޮންމެ ވޯޓަކީ އަޅުގަނޑުގެ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" އެ ބަޔާނުގައި ސޮޑާ ވިދާޅުވެފައިވެ އެވެ.
ޑިމޮކްރަސީގެ ރޫހާއި ރީތި އާދަޔާ ހިލާފަށް ބަލި ގަބޫލު ނުކުރައްވާ ފަދަ މޭރުމަކުން ޕީއެންސީގެ ލީޑަރުން ވާހަކަ ދައްކަވާއިރު، އިންތިހާބު ނިމުނު ފަހުން ރައީސް މުއިއްޒު އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ. މި އިންތިހާބުގައި ކެމްޕެއިން ކުރައްވަން އެމަނިކުފާނު އައްޑޫއަށް ވަޑައިގެންފައެއް ވެސް ނުވެ އެވެ.
ޑިމޮކްރަސީގެ ރީތި އުސޫލާ އެއްގޮތަށް ބަލި ގަބޫލު ކުރަން ޕީއެންސީގެ ލީޑަރުން ދެކޮޅު ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ