އިންޑިއާގައި ޗުއްޓީ ހޭދަކުރަމުންދާ އިޒްރޭލް ސިފައިންގެ މީހަކު ހައްޔަރު ކުރަން ގޮވާލައިފި

ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އިސްރާއީލުގެ ރިޒާވް ސިފައިންގެ މީހަކު އިންޑިއާގައި ޗުއްޓީ ހޭދަކުރަމުން ދާތީ އޭނާ ހައްޔަރު ކުރުމަށް އިންޑިއާ ސަރުކާރަށް ގޮވާލަން ފަށައިފި އެވެ.
ބްރަސަލްސްގައި މަރުކަޒުވެފައިވާ ހިންދު ރަޖަބް ފައުންޑޭޝަން (އެޗްއާރްއެފް) އިން އަންގާރަ ދުވަހު ވަނީ އިންޑިއާގެ އުތުރުގެ ހިމާޗަލް ޕްރަދޭޝް ސްޓޭޓުގައި ހުރި އީޓަން ގިލްބޯއާ ދެކޮޅަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ޝަކުވާ ހުށަހަޅާފަ އެވެ.
އިންޑިއާގެ ފުލުހުންނާއި، ހޯމް މިނިސްޓްރީ އާއި އިމިގްރޭޝަން ބިއުރޯއަށް ހުށަހެޅި މި ޝަކުވާގައި ބުނެފައިވަނީ، ގިލްބޯއަކީ އިސްރާއީލު ސިފައިންގެ 271 ވަނަ ކޮމްބެޓް އިންޖިނިއަރިން ބެޓޭލިއަންގެ ރިޒާވް ސިފައިންގެ މީހެއް ކަމަށެވެ.
އެޗްއާރްއެފް އިން ނެރުނު ބަޔާނެއްގައި ގިލްބޯއާ ގުޅޭ ގޮތުން ހިންގި ތަހުގީގުގެ ތަފްސީލު ހާމަކުރަމުން ބުނެފައިވަނީ، އޭނާ އަމިއްލައަށް އިސްވެ ހުރެ، ބަދަލުހިފުމުގެ ގޮތުން ގާޒާގެ މީހުން ދިރިއުޅޭ މުޅި ސަރަހައްދުތައް ނިޒާމީ ގޮތެއްގައި ސުންނާފަތިކޮށް، އެކަން ފާހަގަކޮށްފައިވާ ކަމަށެވެ. މިއީ 1960 ވަނަ އަހަރުގެ ޖެނީވާ ކޮންވެންޝަންސް އެކްޓުގެ ދަށުން ހަނގުރާމައިގެ ކުށްތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ގިލްބޯގެ މަންމަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯތަކާ ހަވާލާދީ އެ ޖަމިއްޔާއިން ބުނީ، ގާޒާގެ ޚާން ޔޫނިސް އާއި ރަފަހް ހިމެނޭ ގޮތަށް އެކި ސަރަހައްދުތަކުގެ އުމްރާނީ ވަސީލަތްތައް ހަލާކުކުރުމުގައި ގިލްބޯ ބައިވެރިވެ، އެކަމުގެ އުފާ ފާޅުކޮށްފައިވާ ކަމަށެވެ.
ހަތަރުވަނަ ޖެނީވާ ކޮންވެންޝަންގެ 146 ވަނަ މާއްދާގެ ދަށުން ގިލްބޯއަށް ދައުވާ ކުރުމުގެ ގާނޫނީ މަސްއޫލިއްޔަތު އިންޑިއާ ސަރުކާރުގެ ބޮލުގައި އެޅިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެ މާއްދާގައިވާ ގޮތުން، އެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމުތަކުން، ކޮންމެ ގައުމެއްގެ މީހަކު ކަމުގައިވީ ނަމަވެސް، ބޮޑެތި ކުށްތަކެއް ކުރި ކަމަށް ތުހުމަތުކުރެވޭ  ނަމަ، އެ ފަރާތްތައް ހޯދައި ދައުވާ ކުރަން ޖެހެ އެވެ.
ހިންދު ރަޖަބް ފައުންޑޭޝަނުން ވަނީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަގުތުން އެ ސިފައިންގެ މީހާ ހައްޔަރުކޮށް، އޭނާއާ ދެކޮޅަށް ފަސްޓް އިންފޮމޭޝަން ރިޕޯޓް (އެފްއައިއާރް) އެއް ރަޖިސްޓްރީ ކުރުމަށް ގޮވާލާފަ އެވެ. އަދި ހައްޔަރު ކުރެވެން ނެތް ނަމަ، އޭނާ އިންޑިއާއިން ބޭރުކޮށްލުމަށް އަމުރު ކުރުމަށް ވެސް ވަނީ އެދިފަ އެވެ.
އިންޑިއާގެ އެކްޓިވިސްޓް ޝްރިޝްތީ ކަންނާ "މިޑްލް އީސްޓް އައި" އަށް މައުލޫމާތު ދެމުން ބުނީ، އިސްރާއީލު ސިފައިންނަކީ އިންޑިއާއަށް އާ ބައެއް ނޫން ކަމަށާއި، 1980 ގެ އަހަރުތަކުން ފެށިގެން އިސްރާއީލު ސިފައިންގެ ޚިދުމަތް ނިންމުމަށް ފަހު އެތައް ހާސް ބަޔަކު ހިމާޗަލް ޕްރަދޭޝްއަށް ޗުއްޓީއަށް އަންނަ ކަމަށެވެ.
އޭނާ ބުނި ގޮތުގައި، މި ޝަކުވާއިން ހާމަވެގެންދަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިސްރާއީލާއެކު ބާއްވާ ސިޔާސީ، އަސްކަރީ އަދި ފިކުރީ ގުޅުމުގެ ސަބަބުން، އިސްރާއީލުގެ އިސްތިއުމާރީ ސިފައިންގެ ތެރެއިން އަންނަ މީހުންނަކީ ޒިންމާދާރު ކުރަންޖެހޭ ބައެއްގެ ބަދަލުގައި، އެއްވެސް ނުރައްކަލެއް ނެތް މެހެމާނުންގެ ގޮތުގައި ބަލައިގަންނަ އުސޫލެވެ.
ކަންނާ ބުނީ އިންޑިއާ ސަރުކާރުން މިކަމުގައި ފިޔަވަޅެއް އަޅާނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި، ނަމަވެސް މިކަން ރެކޯޑު ކުރެވިގެންދާނެ ކަމަށެވެ.
ގާޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ތެރޭގައި ވެސް އިންޑިއާއިން އިސްރާއީލަށް ހަތިޔާރު ފޮނުވަމުންދާތީ، އެކަން ހުއްޓުވުމަށް އެކްޓިވިސްޓުންނާއި މަދަނީ ޖަމިއްޔާތަކުން ދަނީ އިންޑިއާ ސަރުކާރަށް މެދުނުކެނޑި ފިއްތުންތައް ކުރިމަތިކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ