އީސީއަށް އައްޔަންކުރާތީ ހައްޖު ކޯޕަރޭޝަނުން ޝަކީލް އިސްތިއުފާ ދެއްވައިފި

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އައްޔަންކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ އެކު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޕްރައިވެޓައިޒޭޝަންގެ އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ޝަކީލު ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކާއި އިންތިހާބުތަކާ ބެހޭ ކަންކަން ބަލަހައްޓާ އީސީގެ މެންބަރުކަމަށް ޝަކީލް ކުރިމަތިލެއްވީ އެ ކޮމިޝަންގެ ރައީސަކަށް އެންމެ ފަހުން ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މަހުގެ އިސްތިއުފާ ދެއްވުމުން ހުސްވި ގޮނޑިއަށެވެ.
މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ނަމެއްގެ ގޮތުގައި މަޖިލީހަށް ފޮނުއްވީ ޝަކީލްގެ ނަމެވެ. 
ޝަކީލް ވަނީ މީގެ ކުރިން ވެސް އީސީގައި މަސައްކަތް ކުރައްވައިފަ އެވެ. އެ ކޮމިޝަންގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގެ އިތުރުން ކޮމިޝަނުގެ މެމްބަރުކަން އޭނާ ކުރެއްވި އެވެ. އަދި މެމްބަރުކަމުގައި ތިން އަހަރު މަސައްކަތް ކުރެއްވުމަށް ފަހު، އިސްތިއުފާ ދެއްވީ 2018 ވަނަ އަހަރު އެވެ.
އޭރު އިސްތިއުފާ ދެއްވީ އެ ކޮމިޝަނުގައި މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް ނެތުމުން ކަމަށް ޝަކީލް ވަނީ މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފަ އެވެ. 
ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަމުގެ އިތުރުން ޝަކީލް ކުރިން ހުންނެވީ ޕީއެންސީގެ ރަޖިސްޓްރާގެ އިތުރުން އެ ޕާޓީގެ ސެނެޓް މެމްބަރެއްގެ ގޮތުގަ އެވެ. ޝަކީލް ވަނީ ޕީއެންސީގެ މަގާމުތަކުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ