ރޭ ކުރި ވިއްސާރައިގައި އަމާން ދޯދި ފްލެޓުތަކަށް ފެން ވަނުމުން ޝަކުވާ ބޮޑުވެއްޖެ

ރޭކުރި ވިއްސާރައިގައި އަމާން ދޯދި ޓަވަރުތަކަށް ފެން ވަނުމުން އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އަމާން ދޯދި ޓަވަރުތަކުަގައި ދިރިއުޅޭ ބައެއް މީހުން، ވަނީ އެ މީހުން ދިރިއުޅޭ ޓަވަރުތަކަށް ފެންވަދެ، ފެންބޮޑުވެފައިވާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލްމީޑިއާގައި ހިއްސާކޮށްފަ އެވެ.އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ، ވާރޭވެހުމުގެ ސަބަބުން ފްލެޓުތަކުގެ ކޮރިޑޯގައި ފެން ހެދިފައި ވަނީ އިމަރާތުގައި ބަންދުކުރަންޖެހޭ ބައެއް ތަންތަން ބަންދުނުކޮށް ހުރުމުން ކަމަށެވެ.
"ވިއްސާރަ ވެއްޖެއްޔާ ދޯދި ފްލެޓު ތަކުގެ ހާލަތު. ދޮރު އަރުވައި ބަންދު ކުރަންޖެހޭ ތަންތަން ބަންދު ނުކޮށް، ބައެއް ތަންތަނުގަ ދަގަނޑު ގަނޑެއް ޖަހާފައި. ދޯދި 16 ވަނަ ޓަވަރުގެ އެއް ލިފްޓު ހަލާކުވެފަ ހުންނަތާ ތިންމަސް ވެއްޖެ،" ކޮރިޑޯގައި ފެން ހެދިފައި ހުރިތަން ފެންނަ ވީޑިއޯއަކާ އެކު މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
އޭނާގެ އިތުރުން ވެސް ބައެއް އެހެން މީހުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެގޮތުން ލައްޕާފައި ހުރި ބައެއް ކުޑަދޮރުތަކުން ފްލެޓުތަކަށް ފެންވަދެފައިވާކަމުގެ ކަންބޮޑުވުން މީހަކު ހިއްސާކޮށްފައިވެ އެވެ.
"ވިނަރެސް ފްލެޓުތަކުގައި ކުޑަދޮރތައް ނުވަތަށް ހަރުކޮށްފައި ހުރީމާ ވާރޭކޮޅެއް ވެހޭއިރަށް މުޅި ގޭތެރެ ފެންބޮޑުވެ ފަރުނީޗަރުތައް ހަލާކުވެ ހުރިހާ ގެއްލުމެއް އަހަރުންނަށް،" މުހައްމަދު އަމާން ކިޔާ މީހަކު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
އެކަމާ ބެހޭގޮތުން ބަހެއް ހޯދުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، ހަމްދޫން ޝަކީލްއަށް ގުޅުމުން ފޯނަށް ޖަވާބުނުދެއްވާތީ، ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
ރޭކުރި ވިއްސާރައިގައި މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 45 މޭލާ ހަމައަށް ވައިޖެހޭނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރި އެވެ. މިއަދު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ