އެމެއިކާ-އީރާން އެއްބަސްވުމަށް ރާއްޖެއިން މަރުހަބާ ކިޔައިފި

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަވެ، ސަރަޙައްދީ ހަމަޖެހުން ގާއިމުވާނެ ކަމަށް ރާއްޖެއިން އުންމީދު ކުރާކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅީގައި މިނިވަންކަމާއެކު އުޅަނދުފަހަރަށް ދަތުރުފަތުރު ކުރެވޭނެ މަގު ފަހިކުރުމަށް އެޅޭނެ ފިޔަވަޅުތައް ހިމެނޭހެން، އެ ދެ ގައުމުގެ މެދުގައި ވެވުނު ފަހުމުނާމާއަށް ރާއްޖޭ ސަރުކާރުން މަރުޙަބާ ކިޔާކަމަށް ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.
މި އެއްބަސްވުމުގެ ޒަރީއާއިން, އެ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަޙައްދާއި އަދި އެހެނިހެން ހިސާބުތަކަށްވެސް ސުލްހަ އާއި އަމާންކަމާއި، ހަމަޖެހުން ލިބިގެންދާނެ ކަމަށް ރާއްޖެ އިން ޤަބޫލުކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެމެރިކާ އާޢި އީރާނާއި ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކުރުމުގައި މަޝްވަރާ އާއި ޑިޕްލޮމަސީގެ މަގު ޚިޔާރުކުރުމުގައި އެ ދެ ޤައުމުން އަދާކުރި ދައުރު އެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، މި މަޝްވަރާތައް ކާމިޔާބު ކުރުމުގައި ޕާކިސްތާނާއި، ގަތަރާއި، ގަލްފްގެ އެހެން ޤައުމުތަކުގެ އިތުރުން ސަރަޙައްދީ ޤައުމުތަކުން އަދާކުރި ހައްސާސް ދައުރަށްވެސް ދިވެހި ސަރުކާރުން ވަނީ ތައުރީފު ކުރައްވާފައެވެ. ޑިޕްލޮމަސީ އާއި ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ތެރެއިން ކުރިއަށްދާ މިފަދަ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް ވާގިވެރިވާނެ ކަމުގެ ޔަޤީންކަން ފޮރިން މިނިސްޓްރީއިން ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ