ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 16) - މިހާރު ވެސް އޭނާއާ މެދު ނަފްރަތުކުރާ މީހުން ގިނަ ކަމަށާއި ފުޓްބޯޅަ ކެރިއަރު ނިންމާލުމަށް ފަހު، ފްރާންސްގެ ރައީސަކަށް ފަދަ މަގާމަކަށް ކުރިމަތިލުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފްރާންސްގެ ކެޕްޓަންކަމުގެ ޒިންމާ ނަގަން ތައްޔާރުވެފައިވާ ތަރި، ކީލިއަން އެމްބާޕޭ ބުނެފި އެވެ.
ކްރޮއޭޝިއާ ބަލިކޮށް، ފްރާންސް އިން 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ފައިނަލުގައި ތަރި އަކީ އެމްބާޕޭ އެވެ. އޭގެ ހަތަރު އަހަރު ފަހުން، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގައި އެމްބާޕޭގެ ހެޓްރިކެއް ފެނިގެންދިޔަ ނަމަވެސް އާޖެންޓީނާ އަތުން ފްރާންސް ބަލިވީ އެވެ. މި ފަހަރު، އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕަކީ އެމްބާޕޭ، ފްރާންސް ގޮވައިގެން، ކެޕްޓަނެއްގެ ގޮތުގައި ކުރިމަތިލާނެ ފުރަތަމަ ވޯލްޑް ކަޕެވެ.
ލަ ޕެރީސިއަން ނޫހަށް ދިން އިންޓަވިއުގައި އެމްބާޕޭ، 27، ބުނެފައިވަނީ، ސިޔާސީ މައިދާނުން ފެނުމާ ބެހޭގޮތުން އެއްޗެއް ބުނަން ނޭނގުނު ކަމުގައި ވިޔަސް ރައީސަކަށް ވާން ޔަގީނުން ވެސް ބޭނުންނުވާ ކަމަށެވެ.
"ވަރަށް ގިނަ ކަންކަން ކުރަން އެބަހުރި ވިސްނުން، ފުޓްބޯޅަ ކެރިއަރު ނިންމާލުމަށް ފަހު، ވިޔަފާރިއެއް އެބައޮތް ވަރަށް ރަނގަޅަށް ހިނގާ، އަހަރެން ވިޔަފާރިވެރިޔަކަށް ވާން ބޭނުމިއްޔާ އެ ގޮތަށް ކުރިއަށްދާނީ. ދެން، އެ އަށް ވުރެން ބޮޑު އުންމީދުތަކެއް ހުރިއްޔާ އެ މިސްރާބަށް ވެސް ދާނަން،" އެމްބާޕޭ ބުންޏެވެ.
ރައީސް ކަމަށް ކުރިމަތިލާނެތޯ އެހުމުން، އެމްބާޕޭ ވަނީ އެއީ ނުވާނެ ކަމެއް ކަމަށް ބުނެފަ އެވެ.
"އެއްވެސް ވަރަކަށް ތި ކަމަަށް ވިސްނާނެ ކަމެއް ނެތް. އަހަރެން މި އުޅެނީ ފްރާންސް ރައީސަކަށްވާނެ ވާހަކަ ދައްކާކަށެއް ނޫން. މީހުން އެބަ ބުނޭ ތިހެން، އެކަމަކު އެއީ އަހަރެންގެ ޕްލޭނުގައި އޮތް ވެސް ކަމެއް ނޫން. މިހާރު ވެސް އަހަންނަށް އަމާޒުވާ ނަފްރަތު ކުޑައެއް ނޫން،"
ފްރާންސްގެ ކެޕްޓަންކަން އެމްބާޕޭއާ ހަވާލުކުރި ފަހުން، އެ ގައުމުގައި ހިނގާ ގިނަ ކަންތައްތަކާ ގުޅޭގޮތުން، ނޫސްތަކުން އޭނާއާ ސުވާލުތައް ކުރިމަތިކުރުވާއިރު، އެ އަށް އޭނާ ދޭ ޖަވާބުތައް މީޑިއާގައި ހިނގާގޮތާ މެދު އެމްބާޕޭ ކުޅެމުން އަންނަ ކްލަބް، ރެއާލް މެޑްރިޑުން ހިތްހަމަނުޖެހެ އެވެ.
ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ، އެމްބާޕޭ އަކީ ލީޑަރެއްގެ ގޮތުގައި މި ފަހަރުގެ ވޯލްޑް ކަޕްގައި ރަނގަޅު ކުޅުމެއް ދައްކާނެ ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ.
ތިން ވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގައި ވަރުގަދަ ޓީމެއް ގޮވައިގެން، މި ފަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލާ ފްރާންސް އިން ފުރަތަމަ މެޗުގައި ކުޅޭނީ ސެނެގާލްއާ ދެކޮޅަށެވެ. ސެނެގާލުން ވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފްރާންސް ބަލިކޮށްފަ އެވެ.
އެމްބާޕޭ ބުނީ، ސެނެގާލަކީ އެފްެރިކާގެ ޗެމްޕިއަން ގައުމެއް ކަމަށާއި އެ ޓީމާ ދެކޮޅަށް ކުޅެން އޮތް މެޗެއް ފަސޭހަކޮށް ނަގައިގެން ދެރައެއް ލިބިދާނެ ކަމަށެވެ.
ނަފްރަތުކުރާ މީހުން މިހާރު ވެސް ގިނަ، އެމްބާޕޭ ފްރާންސްގެ ރައީސަކަށް ވާން ބޭނުމެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ