މެޓާގެ ސްމާޓް އައިނުގައި ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ ޓެސްޓްކުރަނީ
މެޓާ ކުންފުނިން އުފައްދާފައިވާ ސްމާޓް އައިނުތަކުގައި، އެމެރިކާގެ ސަރުކާރާއި ފުލުހުންގެ ބޭނުމަށް، ޖާސޫސީ އަދި މީހުންނަށް ފާރަލެވޭ ޓެކްނޮލޮޖީ ފޯރުކޮށްދޭ ކުންފުންޏެއްގެ ސޮފްޓްވެއާ ޓެސްޓުކުރަމުންދާ ކަމަށް ރިޕޯޓުތަކުން ހާމަވެއްޖެއެވެ. ވަޔާޑް މެގަޒިނުން ހޯދި ލައިސަންސް ލިޔެކިޔުންތަކަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މެޓާއިން މިހާރު ޓެސްޓުކުރަމުންދަނީ އެމެރިކާގެ އަސްކަރިއްޔާ އަދި ތަންފީޒީ އިދާރާތަކަށް ޚިދުމަތްދޭ "ރޭންކް ވަން" ކުންފުނީގެ ފޭޝަލް ރިކޮގްނިޝަން (މޫނު ދެނެގަންނަ) ސޮފްޓްވެއާއެކެވެ. މިއީ މީގެ ކުރިން މެޓާ އޭއައި އެޕްލިކޭޝަނުން ސިއްރިއްޔާތުގައި އިތުރުކުރުމަށްފަހު ކުއްލިއަކަށް އުނިކުރި ފީޗާއަކާ ގުޅުންހުރި ސޮފްޓްވެއާއެކެވެ. މި ޓެކްނޮލޮޖީ ފޯރުކޮށްދޭ ރޭންކް ވަން ކުންފުންޏަކީ އެމެރިކާގެ މާޝަލްސް ސާވިސް ފަދަ އިދާރާތަކާ ގުޅިގެން، އިނގިލީގެ ނިޝާން ނެގުމަކާ ނުލައި ކުށްވެރިން ދެނެގަތުމުގެ މަސައްކަތްކުރާ ކުންފުންޏެކެވެ. މީގެ އިތުރުން، އެއް ކިލޯމީޓަރު ދުރުން މީހުންގެ މޫނު ދެނެގަނެވޭނެ ފަދަ ވަސީލަތްތައް އެމެރިކާގެ އަސްކަރީ ޚާއްޞަ ފައުޖުތަކަށާއި ނޭވަލް ކްރިމިނަލް އިންވެސްޓިގޭޓިވް ސާވިސްއަށް އެ ކުންފުނިން ވަނީ ތައްޔާރުކޮށްދީފައެވެ. https://sun.mv/223423 ދިރާސާކުރާ ފަރާތްތަކުން މެޓާގެ ކޯޑުތައް ތަހުލީލުކުރިއިރު، ރޭންކް ވަން ކުންފުނީގެ މި ސޮފްޓްވެއާގެ އެހީގައި ކެމެރާއަށް ފެންނަނީ ހަގީގީ އިންސާނެއްތޯ ނުވަތަ ފޮޓޯއެއް ނުވަތަ މާސްކެއްތޯ ދެނެގަނެވޭ "ލައިވްނެސް ޑިޓެކްޝަން" ސިސްޓަމް ހިމަނާފައިވާކަން ވަނީ އެނގިފައެވެ. ސެކިއުރިޓީ ދިރާސާވެރިން ބުނާ ގޮތުގައި މެޓާގެ އެޕްލިކޭޝަންގެ ތެރޭގައި ފޮރުވިފައިވާ މި ފީޗާ މިހާރު ހުރީ އާންމުންނަށް ދޫކޮށްލުމާ ދާދި ގާތްވެފައެވެ. މިކަމާ ގުޅިގެން މެޓާއިން ވަކި އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް، އާންމުން ބޭނުންކުރާ ސްމާޓް އައިނެއްގެ ތެރެއަށް މިފަދަ ފާރަލާ ސޮފްޓްވެއާއެއް ތައާރަފުކުރަން އުޅޭތީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާންމުންގެ ޒާތީ މިނިވަންކަމަށް އުނިކަން އަންނާނެ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މިއީ ފާރަލުމަށް ބޭނުންކުރާ ވަސީލަތެއް ނޫންކަން ސާބިތުކޮށްދޭން މެޓާއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނެއެވެ. މެޓާ ކުންފުނިން އާންމުންގެ މެދުގައި މަގުބޫލު "ރޭ-ބޭން މެޓާ" ސްމާޓް އައިނު ބާޒާރަށް ނެރުނު ފަހުން، ޒާތީ މިނިވަންކަމާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ވަނީ ފެންމަތިވެފައެވެ. މީގެ ކުރިންވެސް ބައެއް ސެކިއުރިޓީ ދިރާސާވެރިން ވަނީ މި އައިނު ބޭނުންކޮށްގެން މަގުމަތިން ފެންނަ މީހުންގެ މޫނު ވަގުތުން ދެނެގަނެ، އެ މީހުންގެ ވަނަވަރު ހޯދޭނެ ސިސްޓަމްތައް އަމިއްލައަށް ތައްޔާރުކޮށް، މިއީ ފާރަލުމުގެ ބޮޑު ނުރައްކަލެއް އޮތް ވަސީލަތެއްކަން ސާބިތުކޮށްދީފައެވެ. މެޓާއިން އެ ކުންފުނީގެ އުފެއްދުންތަކުގައި ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ ރަސްމީކޮށް ބޭނުންކުރަން އުޅޭކަމުގެ ނިޝާންތައް ފެންނަން ފެށުމާއެކު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި ގާނޫނު ހަދާ މަޖިލިސްތަކުން ދަނީ މިފަދަ ޓެކްނޮލޮޖީތައް އާންމު މާކެޓަށް ދޫކޮށްލުމުގެ ކުރިން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ފާރަލުން ކޮންޓްރޯލްކުރުމަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ