ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 16) - އަންނަ ސެޕްޓެމްބަރު މަހު އެމެރިކާގައި ކުރިއަށްދާ ފީފާގެ ސިމްބޮލިކް، 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ފަަލަސްތީނާއި އިޒްރޭލުގެ ދެމެދުގައި މެޗެއް ކުޅޭ ގޮތަށް ފީފާ އިން ހުށަހަޅައިފި އެވެ.
ފީފާގެ 211 މެމްބަރު އެސޯސިއޭޝަނުން ކުޅުންތެރިން ބައިވެރިވާ ގޮތަށް ކުޅެން ރާވާފައިވާ މި މުބާރާތުގައި، ފަލަސްތީނާއި އިޒްރޭލުގެ މެޗު ކުޅެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިސްވެ ހުންނަވައި، ހުށަހަޅާފައިވާ މައިގަނޑު ސަބަބަކީ ހަނގުރާމައިގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ފުޓްބޯޅައިގެ ތެރެއިން ނައްތާލުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިނގިރޭސި ދެ މީޑިއާ ކަމަށްވާ، ގާޑިއަން އާއި ދި އެތުލެޓިކް އިން ރިޕޯޓްކުރާގޮތުގައި، ފީފާ އިން ބާއްވާ މި މުބާރާތުގައި ރަޝިއާ ކުޅުންތެރިން ވެސް ބައިވެރިވާނެ އެވެ. ޔޫކްރެއިނަށް އަރައި ހަނގުރާމަ ކުރަން ފެށުމާ ގުޅިގެން، ފީފާ އިން ވަނީ 2022 ވަނަ އަހަރު ފުޓްބޯޅައިން ސަސްޕެންޑްކޮށްފަ އެވެ.
ފީފާގެ ރައީސް އިންފަންޓީނޯ، ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވައި، ފަލަސްތީނާއި އިޒްރޭލުގެ މެޗެއް ކުޅެން ބޭނުންވި ސަބަބަކީ، މީގެ ކުރިން، އެ ދެ ގައުމުގެ މެދުގައި ފުޓްބޯޅައިން ސުލްހަ ކުރުމުގެ ކަންކަމަށް ރޭވި އެއްވެސް ކަމެއް ޕްލޭނާ އެއްގޮތަށް ނުދިއުމުންނެވެ.
ކެނަޑާގެ ވެންކޫވާގައި މިދިޔަ މެއި މަހު، ކުރިއަށްދިޔަ ފީފާގެ 67 ވަނަ ކޮންގްރެސްގެ ތެރެއިން، ފަލަސްތީނާއި އިޒްރޭލުގެ އޮފިޝަލުންގެ މެދުގައި ސަލާމްކުރާ ފޮޓޯއެއް ނެގުމަށްޓަކައި، ފީފާގެ ރައީސް ޖިއާނީ އިންްފަންޓީނޯ ކުރެއްވި މަަސައްކަތް ނާކާމިޔާބުވެ، ގިނަ ބަޔެއްގެ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުނެވެ.
ކެނަޑާގެ ވެންކޫވާގައި ކުރިއަށްދިޔަ ފީފާގެ 67 ވަނަ ކޮންގްރެސްގެ ތެރެއިން، ފަލަސްތީނާއި އިޒްރޭލުގެ އޮފިޝަލުންގެ މެދުގައި ސަލާމްކުރާ ފޮޓޯއެއް ނެގުމަށްޓަކައި، ފީފާގެ ރައީސް ޖިއާނީ އިންްފަންޓީނޯ ކުރެއްވި މަަސައްކަތް ނާކާމިޔާބުވެ، ގިނަ ބަޔެއްގެ ފާޑުކިޔުންތަކާ ވަނީ ކުރިމަތިލާން ޖެހިފައި.
ފީފާގެ ކޮންގްރެސްގެ ތެރެއިން، ޑެލިގޭޓުންނަށް ޕޯޑިއަމްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދެމުން ދިޔައިރު، ފަލަސްތީން އެފްއޭގެ ރައީސް ޖިބްރީލް ރަޖޫބް ވާހަކަ ދެއްކެވީ، އިޒްރޭލް ތަމްސީލްކުރަން އައިސް ހުންނެވި، އިޒްރޭލް އެފްއޭގެ ނައިބު ރައީސް ބަސިމް ޝެއިހް ސުލިމަން އަށް ވުރެން ކުރިންނެވެ. ޖިބްރީލް ވާހަކަ ދެއްކެވި ފަހުން، އިންފަންޓީނޯ ތެދުވެވަޑައިގެން، ޖިބްރީލް އާއި ސުލިމަން، ސަލާމްކުރުމަށް މަސައްކަތްކުރައްވައި، އެ ފޮޓޯ ނެގުމަށް ބާރުއެޅުއްވި ނަމަވެސް، އެކަން ކާމިޔާބެއްނުވި އެވެ. އެ ފޮޓޯ ނެގުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ޖިބްރީލް، އަޑުހަރުކޮށް ވިދާޅުވެފައިވެ އެވެ.
އިންފަންޓީނޯ، ބޭނުންވި ފޮޓޯގަނޑު ލިބޭގޮތް ނުވެ، ޖިބްރީލް އާއި ސުލިމަން، ސްޓޭޖުން ދިއުމާ އެކު، އިންފަންޓީނޯ ވިދާޅުވީ، އުންމީދަކީ، ފަލަސްތީނާއި އިޒްރޭލުގެ ކުޑަކުދިންގެ ހައްގުގައި ދެ ގައުމުން އެކުގައި މަސައްކަތް ކުރުން ކަމަށެވެ.
ކޮންގްރެސް އަށް ފަހު، ޖިބްރީލް ވަނީ ހިނގައިދިޔަ ކަންތައްތަކާއި އޭނާ ދެކޭ ގޮތްތައް ހިއްސާކުރައްވައިފަ އެވެ.
"އަހަރެން އަބަދުވެސް ފީފާގެ ގަވާއިދުތަކާއި އޮންނަ ހުދޫދުތަކުގެ ތެެރެއިން ކަންކަމަށް ބޯލަނބާނަން. އެކަމަކު، ހަގީގަތް ގަބޫލުުކުރަން ޖެހޭ. އިޒްރޭލަށް ހަގީގަތުގައި އޮންނަން ޖެހޭނީ ފިޔަވަޅު އަޅާފައި. ފީފާ އިން އިންސާނީ ހައްގުތައް ކަށަވަރުކުރަން ކުރާ މަސައްކަތާ ހިލާފަށް އިޒްރޭލުން އެ ދަނީ ތަކުރާރުކޮށް އަމަލުކުރަމުން،" ޖިބްރީލް ވިދާޅުވި އެވެ.
ފަލަސްތީން އެފްއޭގެ ނައިބު ރައީސް، ސުސަން ޝަލާބީ ވިދާޅުވީ، ގަސްދުގައި އެތައް ބައެއްގެ ހައްގުތައް ނިގުޅައިގަނެ، ލާއިންސާނީ އެތައް އަމަލަކަށް ބާރު އަޅައިދޭ ގައުމެއް ތަމްސީލްކޮށް، ކަންކަމުގެ މަތި އޮމާންކުރަން އުޅޭ ބަޔަކާ ސަލާމްކުރުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ.
ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަނުން 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފީފާ އަށް މައްސަލަ ހުށެހެޅީ އިޒްރޭލް ސަސްޕެންޑްކުރުމަށް އެދި އެވެ. އެއީ، ފަލަސްތީނުގެ ބިމަށް އަރައިގަނެ، ގަތުލުއާންމު ހިންގައި، އެތައް ލާއިންސާނީ ކަމެއް ކުރަމުން އަންނަ އިޒްރޭލަށް ފުޓްބޯޅައިގައި ކުރިއަށްދިއުމުގައި އެއްވެސް އުނދަގުލެއް ނެތި ކުރިއަށްދާން ފުރުސަތު އޮތުމުން، ފުޓްބޯޅައިގައި ވެސް އެ ފަދަ ގައުމަކަށް ފިޔަވަޅު އެޅުމަށްޓަކަ އެވެ.
އިޒްރޭލުގެ ފުޓްބޯޅަ މުބާރާތްތަކުގެ ތެރޭގައި، ފަލަސްތީނަށް ރައްދުވާ ގޮތަށް މަލާމާތް ކުރުމުގެ ކަންކަން ކުރުމާއި ޝުއޫރުފާޅުކުރި ގިނަ މައްސަލަތަކެއް ވެސް ފަލަސްތީނުން ފީފާ އަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
މި ހުރިހާ ކަމަކަށް ބަލާފައި ވެސް، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން މިދިޔަ މާޗް މަހު ނިންމާފައިވަނީ، 190،700 ޑޮލަރުން އިޒްރޭލް ފުޓްބޯޅަ އެސޯސިއޭޝަން ޖޫރިމަނާކުރުމުގެ އިތުރުން، އިޒްރޭލުން ދެން އަމިއްލަ ދަނޑުގައި ކުޅޭ ފީފާ ރެޖިސްޓާޑް ތިން މެޗުގައި، ދަނޑުގައި ދުރަށް ފެންނާނެހެން ބެނާއެއް ދެމުމަށެވެ. އަދި އެ ބެނާގައި، "ފުޓްބޯލް ޔުނައިޓްސް ދަ ވޯލްޑް - ނޯ ޓު ޑިސްކްރިމިނޭޝަން" މި ގޮތަށް ލިއުމަށް ފީފާ އިން ވަނީ އަންގައިފަ އެވެ.
ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމައެއް ކުރާ ކަމަށް ބުނެ، ފީފާ އިން ރަޝިއާ ސަސްޕެންޑްކޮށްފައި އޮތްއިރު، ހަމަ އެ ގޮތަށް، އިޒްރޭލާ މެދު ފިޔަވަޅު އަޅާފައިނުވާތީވެ، ފީފާ އަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި، އިޒްރޭލުގެ އަމަލުތަކާ މެދު ފީފާ އިން ކަންކަން ކުރަނީ ވަކި ފަރާތަކަށް ބުރަވެ ހުރެ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.
ފަލަސްތީނާއި އިޒްރޭލްގެ ދެމެދުގައި މެޗެއް ކުޅެން ފީފާ އިން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ