އެމްޑީޕީ ކައުންސިލަރުންނަށް ޕާޓީގެ ގައުމީ މަޖިލީހުން ޖާގަ ކަށަވަރުކޮށްދޭނަން: މީކާއީލް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓުގައި އިންތިހާބުވެފައި ތިބި ކައުންސިލަރުންނަށް ޕާޓީގެ ގައުމީ މަޖިލީހުގެ ގޮނޑި ކަށަވަރުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވައުދުވެވަޑައިގެންފި އެވެ.
"އިތުބާރު" ނަމުގައި ކެމްޕެއިން ކުރައްވަމުންދާ މީކާއީލް ރޭ ވަނީ މާލޭގެ ބޮނޑިބަތް ޕާކު ސަރަހައްދުގައި ޖަލްސާއެއް ބާއްވައިފަ އެވެ. މީކާއީލްގެ ވައުދު އިއުލާންކުރެއްވީ ޖަލްސާގެ ތެރެއިން އެމްޑީޕީ މެމްބަރުންނާ މުހާތަބުކޮށް ވާހަކަދައްކަވަމުންނެވެ. 
މީކާއީލް ވިދާޅުވީ، އެމްޑީޕީގެ އެންމެ މުހިންމު އެއް ރައުސްމާލަކީ ސީދާ ވޯޓަކުން، ލާމަރުކަޒީ ނިޒާމުގެ ތެރެއިން އިންތިހާބުކޮށްފައި ތިބި ކައުންސިލަރުން ކަމަށްވީ ނަމަވެސް، އެ މީހުންނަށް ޕާޓީގެ ގައުމީ މަޖިލީހުގައި ބަސްބުނެވޭނެ ނިޒާމެއް އަދި އޮނިގަނޑެއް ނެތުމުން ހިތާމަކުރައްވާ ކަމަށެވެ. 
"އަޅުގަނޑު މި އަންނަނީ އެ އޮނިގަނޑު ގެނެސް، ކޮންގްރެސްއިން އެ އިސްލާހާއެކު، ތިބޭފުޅުންނަށް ގައުމީ މަޖިލީހުގައި ބަސްކިޔޭނެ ޖާގަ މި ޕާޓީއިން ހުޅުވާލަދޭން،" މާލޭ ސިޓީގެ ގިނަ ކައުންސިލަރުން ފެނިގެން ދިޔަ ޖަލްސާގައި މީކާއީލް ވައުދުވެވަޑައިގެންނެވި އެވެ.
މީގެ ކުރިން ވެސް މީކާއީލް ވަނީ އޭނާ ޗެއާޕާސަން ކަމަށް އިންތިހާބުވެއްޖެ ނަމަ ޕާޓީއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ޕާޓީގެ މާލީ ހިސާބުތައް އާންމުކުރަން ވެސް ވައުދުވެވަޑައިގެންނެވި އެވެ. 
ރައްޔިތުންގެ މަޖިލީހަށް ދެވަނަ ދައުރަކަށް 2024 ގައި އިންތިހާބުވި އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެންބަރުންގެ ތެރެއިން މީކާއިލްއަކީ އެކަކެވެ. އެންމެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި މީކާއިލް ދިފާއުކުރެއްވި އެވެ.
މީކާއިލް އެމްޑީޕިއާ ގުޅުނީ 2012 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިންގެވި އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަގާވާތަކުން ވައްޓާލުމާ ގުޅިގެންނެވެ. އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސްކަން ވެސް މީކާއިލް ކުރެއްވި އެވެ. އަދި މިވަގުތު ވެސް އޭނާއަކީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެކެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި މީކާއީލްއާ ވާދަކުރައްވަނީ ނަޝީދު އެވެ. އެމަނިކުފާނު ގެންދަވަނީ "ބޮޑު ބަދަލު"ގެ ނަމުގައި މުޅި ރާއްޖޭގައި ވަރުގަދަ ކެމްޕޭނެއް ހިންގަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ