ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގުޅޭ ގައުމީ ސިޔާސަތެއް އެކުލަވާލަނީ

ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތަކަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާއި، ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ގޮނޑުދޮށް ހިމާޔަތް ކުރުމާ ގުޅޭ ގައުމީ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓްރީން ފަށައިފިއެވެ.
ރަށްގިރުމަކީ ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ތިމާވެށީގެ މައްސަލައަށް ވާއިރު، މިކަމަށް ހައްލެއް ގެނައުމަށްޓަކައި ގްރީން ކްލައިމެޓް ފަންޑު އަދި ޖައިކާގެ އެހީގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
"ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގުޅޭ ޤައުމީ ސިޔާސަތެއް އެކުލަވާލުުމުގެ މަސައްކަތް ދަނީ ކުރަމުން. މި މަސައްކަތުގެ 65 އިންސައްތަ މަސައްކަތް ވަނީ ނިމިފައި. އަދި ހަމަ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް އެބަ ކުރިއަށް ގެންދަން." މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން، ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާ ޝަކުވާތަކަށް ބިނާކޮށް 'ކޯސްޓަލް ހެޒަޑް މެޕް' ތައްޔާރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. މިހާތަނަށް 102 ރަށެއްގެ މެޕް ތައްޔާރުކޮށް ނިމިފައިވާއިރު، މި މެޕްތަކުން ރަށްރަށުގެ ގިރާ ސަރަހައްދުތަކާއި، ވެލި ވޮޑޭ ސަރަހައްދުތަކުގެ އިތުރުން އުދައަރާ ސަރަހައްދުތައް ސާފުކޮށް އެނގެން ހުންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ