އެޗްޑީސީން ހުޅުމާލޭގައި ސްޕޯޓްސް ޕާކެއް ހުޅުވައިފި

އެކި ކުޅިވަރުތަކަށް ޚާއްސަ ދަނޑުތައް ހިމެނޭހެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ގާއިމުކުރި 'އެން ވަން ސްޕޯޓްސް ޕާކު' ރޭ ރަސްމީކޮށް ހުޅުވައިފިއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފިޔަވައްސާ އިންވެގެން އޮންނަ ބިމުގައި ތަރައްގީކުރި މި ޕާކު ހުޅުވައިދެއްވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ހުޅުމާލެ ކޮމިޔުނިޓީ ރެޕްރެޒެންޓެޓިވް އިބްރާހިމް ނައީމެވެ. އެޗްޑީސީން ބުނި ގޮތުގައި، އެ ސްޕޯޓްސް ޕާކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި، ކުޅިވަރުކުޅޭނެ ފެސިލިޓީތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގާއިމުކުރި ޕާކެކެވެ. ހުޅުމާލޭގައި ސްޕޯޓްސް ޕާކެއް ހުޅުވައިދެއްވައި، ޒުހައިރު މެޗެއް ކުޅުއްވަނީ --- ފޮޓޯ/އެޗްޑީސީ އެގޮތުން، އެ ޕާކުގައި ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓް ކޯޓަކާއި ޕާކިން ޒޯނެއް ވަނީ ތަރައްގީކޮށްފައެވެ. އެ ކުންފުނިން ބުނީ، ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެކި ކުޅިވަރުތަކަށް ޚާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ގާއިމުކުރި ކުޅިވަރު އެކުވެނި ވެސް މިހާރު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މިފަދަ މަޝްރޫއުތަކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ކުޅިވަރަށް އިސްކަން ދީގެން އެޗްޑީސީން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ