ގެއްލުނު ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގައިފި

ވ. އަތޮޅު ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ނަގައިފިއެވެ.
ސަރުކާރުން ބުނީ ނަގާފައިވަނީ ފިރިހެނެއްގެ ހަށިގަނޑާއި އަންހެނެއްގެ ހަށިގަނޑު ކަމަށާއި އެ ދެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ. ހަށިގަނޑުތައް ނެގުމުގެ އޮޕަރޭޝަނުގައި ބައިވެރިވީ ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންނާއި އެމްއެންޑީއެފް އަދި ފުލުހުންނެވެ.
ސަރުކާރުން ބުނި ގޮތުގައި އެންމެ އަޑިން 30 މީޓަރާ ހަމައަށް ހަށިގަނޑުތައް ނެގީ ފިންލެންޑުގެ ޑައިވަރުންގެ ޓީމުންނެވެ. އެ ހިސާބުން 30 މީޓަރުން ހަތް މީޓަރަށް ނެގީ އެމްއެންޑީއެފުންނެވެ. އަދި ހަތް މީޓަރުން ފެށިގެން ލޯންޗާ ހަމައަށް ނެގީ ފުލުހުންނެވެ.
އެމްއެންޑީއެފުން އިއްޔެ ވަނީ ގެއްލުނު ޑައިވަރުންގެ ހަށިގަނޑުތައް ހޮހޮޅައިގެ ތެރެއިން ލޮކޭޓްކުރެވިފައިވާ ކަމަށް ބުނެފައެވެ. ގެއްލުނު ޑައިވަރުން ހޯދަން ފީނި އެމްއެންޑީއެފްގެ އޮފިސަރަކު ހޮނިހިރު ދުވަހު ޑީކޯވެގެން މަރުވުމާ ގުޅިގެން އެ އޮޕަރޭޝަން ވަގުތީގޮތުން މެދުކަނޑާލިއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 1:45 ހާއިރެވެ. މި ހާދިސާގައި ގެއްލުނީ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކާއި ހަތަރު ޑައިވަރުންނެވެ. އޭގެ ތެރެއިން ކުރިން ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ