މިއަހަރުގެ އަމީރުލްޙައްޖަކަށް މިނިސްޓަރ ސަޢީދު

މިއަހަރު ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ނުވަތަ އަމީރުލްޙައްޖުގެ ގޮތުގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށްދާ 1000 ޙައްޖުވެރިންގެ ތެރެއިން އެންމެ ފަހު ގްރޫޕް މިއަދު ހެނދުނު ވަނީ ފުރާފައެވެ. މިއާއެކު ރާއްޖެއިން މިއަހަރު ޙައްޖަށްދާ ހުރިހާ ޙައްޖުވެރިން މިހާރު ވަނީ ސަޢުދީއަށް ދަތުރުކޮށްފައެވެ. މި ޙައްޖުވެރިން ސަޢުދީއަށް ގެންގޮސްފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓާއި ސަޢުދީއާގެ ދެ ފްލައިޓެއްގައެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަހަކީ މެއި މަހުގެ 26 ވާ އަންގާރަ ދުވަހެވެ. ޙައްޖުވެރިންގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ދިވެހި ޙައްޖު މިޝަނާއި ޙައްޖު ކޯޕަރޭޝަނުން މިހާރު އަންނަނީ ސަޢުދީގައި ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ