ގަލްފުން އަންނަ ފްލައިޓުގެ އަދަދު އަންނަނީ އިތުރުވަމުން: އަމީން

ގަލްފުގެ ގައުމުތަކުން ރާއްޖެ އަންނަ ފްލައިޓުތަކުގެ އަދަދު ކުރިޔާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށާއި ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު ވެސް މަޑުމަޑުން އިތުރުވަމުންދާ ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މެދު އިރުމަތީގެ ހަނގުރާމަ ފެށުމާ އެކު، ރާއްޖެ އަންނަ ގިނަ ފަތުރުވެރިން ޓްރާންސިޓްކުރާ ގަލްފުގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށް، އެ ގައުމުތަކުގެ ގިނަ އެއާލައިންތަކުގެ ފްލައިޓުތައް މެދުކަނޑާލި އެވެ. އެމިރޭޓްސް، ފްލައި ދުބާއީ، އިއްތިހާދު، ގަތަރު އެއާވޭސް އަދި ކުވައިތު އެއާވޭސްއިން އަލުން ރާއްޖެއިން އުދުހެން ފަށާފައިވިޔަސް، ދަތުރުތައް ވަރަށް ބޮޑަށް ވަނީ މަދުކޮށްފަ އެވެ. 
ތަފްސީލް - މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވެދާނެ ދަތިތައް ހައްލުކޮށް، ފިޔަވަޅުތައް އެޅުމަށް ރައީސް މުހައްމަދު މުއިއްޒު އުފައްދަވައިފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ، ހަނގުރާމަ ފެށުނުއިރު، ގަލްފު ސަރަހަައްދުން އަންނަމުންދިޔަ ފްލައިޓުތަކުގެ ތެރެއިން، ހަފްތާއަކު 99 ފްލައިޓު ކެންސަލުވަމުންދިޔަ ކަމަށެވެ. އެކަމަކު މިހާރު އެ އަދަދު ހުރީ 70ގައި ކަމަށް ވިދާޅުވި އެވެ.
"މިއީ %22ގެ ކުރިއެރުމެއް. އަޅުގަނޑު ކުރިއެރުމެކޭ މި ދަންނަވަނީ ކުރިން ހުރި ސްޓޭޖަށް ގެނެވުނު ވާހަކައެއް ނޫން. ނުވަދިހަ ވަރަކަށް ފްލައިޓު ކެންސަލުވަމުން ގޮސްފައި އޮތީ ފުރަތަމަ ދެތިން ހަތަރު ހަފްތާގައި. އެކަމަކު ގަލްފުގެ މޭޖާ ފަސް އެއާލައިނުން ވެސް ރާއްޖެއަށް މިހާރު އޮޕަރޭޓުކުރޭ. އެއީ ވެސް އަޅުގަނޑުމެންނަށް ފެންނަ ރަނގަޅު މަންޒަރުތަކެއް،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވިގޮތުން، ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު ވެއްޓުނަނުދީ ހިފެހެއްޓޭތޯ ކުރި މަސައްކަތުން މިހާރު ވަނީ ކާމިޔާބީތަކެއް ލިބިފަ އެވެ. އޭނާ ވިދާޅުވީ:
ހަނގުރާމަ ފެށުނު ފަހުން، މިދިޔަ އަހަރާ އަޅާބަލާއިރު މާޗުގެ ނިޔަލަށް %22ގެ ދަށްވުމެއް އައިސްފައިވޭ 
އެކަމަކު ފަތުރުވެރިން އައުން ދަށްވަމުން އައި މިންވަރު %17 މި މަހުގެ ނިޔަލަށް މިހާރު ވަނީ ދަށްކުރެވިފައި
ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ސީޓު ކެޕޭސިޓީ ދަނީ އިތުރުވަމުން 
އެގޮތުން މިދިޔަ އަހަރަށްވުރެ މި އަހަރު ސީޓު ކެޕޭސިޓީ ވަނީ %2 އިތުރުވެފައި
މިދިޔަ މޭ މަހާ އަޅާބަލާއިރު ޖެޓުގެ ފިއުލް އަގު 1.9 ޑޮލަރުން 1.6 ޑޮލަރަށް މިހާރު ވަނީ ދަށްކޮށްފައި؛ އެއީ ވެސް އެއާލައިންތައް ރާއްޖެ އަންނަ މިންވަރު އިތުރުކުރަން ސަރުކާރުން ނިންމި ނިންމުމެއް ކަމަށް އަމީން ވިދާޅުވި
"ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި ޓޫޜިޒަމް އިންޑަސްޓްރީ އާއި އެއާލައިން އިންޑަސްޓްރީގައި ތިބި ބޭފުޅުންނާ ގުޅިގެން އަަޅުގަނޑުމެން އެންމެން މި ކުރި މަސައްކަތުން ރަނގަޅު ކުރިއެރުންތަކެއް ނޫނީ [ފަތުރުވެރިން އައުން] ދަށްވަމުންދިޔަ އިންސައްތަ ވަރަށް ބޮޑަށް ދަށް ކުރެވިއްޖެ. މިއީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އަޅުގަނޑުމެން މި ބަލައިގަންނަނީ،" އަމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ