އެމެރިކާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތައް ހިންގުމުގެ މަޝްވަރާތަކެއް ފޮރިން މިނިސްޓްރީން ކޮށްފި އެވެ.
އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓު ސެކްރެޓަރީ ނިކޯލް ޗޫލިކް ގެންދަވަނީ ރާއްޖެއަށް ދަތުރެއް ކުރައްވަމުންނެވެ.
އޭނާ ވަނީ އިއްޔެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއާ ބައްދަލުކުރައްވާފަ އެވެ. ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މަޝްވަރާ ކުރީ ދެ ގައުމުން އިތުރަށް ގުޅުން ބަދަހިކުރުމަށެވެ.
"މެރިޓައިމް ސެކިއުރިޓީ އާއި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި މި ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއް،" ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނެފައިވެ އެވެ.
ނިކޯލް ވަނީ އިއްޔެ ރާއްޖޭގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަހުމަދު ލަތީފްއާ ވެސް ބައްދަލުކުރައްވާފަ އެވެ. ސަރަހައްދީ ސެކިއުރިޓީ އާއި އިގުތިސާދީ ކުރިއެރުމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް އެމެރިކާގެ އެމްބަސީން ބުނެފައިވެ އެވެ.
ނިކޯލް ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. އޭނާ ވަނީ އެ ގައުމުގެ ބޯޑާ ޕެޓްރޯލްގެ ނެޝަނަލް ސްޕޯކްސްޕާސަންގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.
މި ސަރުކާރު އައުމަށް ފަހު އެމެރިކާ އާއެކު އޮންނަ ގުޅުން އަންނަނީ ވަރަށް ބޮޑަށް ބަދަހިކުރަމުންނެވެ. އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުން ދޭތެރެދޭތެރެއިން ރާއްޖެއަށް ދަތުރުކުރެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދިވެހިރާއްޖެއަށް ފޮނުއްވި މަންދޫބު ސާޖިއޯ ގޯ ވެސް މިދިޔަ މާޗު މަހު ޑިފެންސް މިނިސްޓަރާ ވެސް ބައްދަލުކުރެއްވި އެވެ. އޭނާއަކީ ސައުތު އަދި ސެންޓްރަލް އޭޝިއާއަށް އެމެރިކާއިން ކަނޑައަޅާފައިވާ މަންދޫބެވެ.
އެމެރިކާ ސަރުކާރާއެކު ރާއްޖޭގައި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތައް ހިންގުމުގެ މަޝްވަރާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ