ޣައްޒާގެ ގަތުލުއާންމު ހުއްޓާލަން އދ.އިން އިސްރާއީލަށް ގޮވާލައިފި

އިސްރާއީލުން ޣައްޒާގައި "ނަސްލު ނައްތާލުމުގެ އަމަލުތައް" ހިންގުން ހުއްޓުވުމަށާއި، ފަލަސްޠީނުގެ ބިންތަކާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި "ނަސްލު ފޮހެލުން" ކުރިއަށްދާތީ ކަންބޮޑުވުން ފާޅުކޮށް، އެކަންކަން ހުއްޓުވުމަށް އެކުވެރި ދައުލަތްތައް (އދ.) އިން އިސްރާއީލަށް ގޮވާލައިފިއެވެ.
އދ. ގެ ހިއުމަން ރައިޓްސް އޮފީހުން ނެރުނު އާ ރިޕޯޓެއްގައި ބުނެފައިވަނީ، 2025 ވަނަ އަހަރުގެ މޭ މަހާ ހަމައަށް އިސްރާއީލު ސިފައިން ހިންގި އަސްކަރީ ހަރަކާތްތައް ދިރާސާކުރުމުން، އެގައުމުން ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ޚިލާފު ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާކަން ސާބިތުވާ ކަމަށާއި، ގިނަ ހާލަތްތަކުގައި މިއީ ހަނގުރާމައިގެ ކުށްތަކާއި ގާނޫނާ ޚިލާފު ބޮޑެތި ޖަރީމާތަކަށް ވާނެ ކަމަށެވެ.
އދ. އާއި އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޖެނޮސައިޑް ސްކޮލާސް ފަދަ ޖަމާއަތްތަކުން ހިންގި ތަހުގީގުތަކުން ނިންމާފައިވަނީ، އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައަކީ ނަސްލު ނައްތާލުމުގެ އަމަލެއް ކަމަށެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 73،000 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ޝަހީދުކޮށްފައެވެ. އދ. ގެ ރިޕޯޓުގައި ބުނެފައިވަނީ އިސްރާއީލު ސިފައިން މަސައްކަތް ކުރަމުންދިޔައީ ރަހީނުން މިނިވަންކުރުމަށާއި އަސްކަރީ އަމާޒުތަކަށް ހަމަލާދިނުމަށް ކަމަށް ބުނި ނަމަވެސް، ހިންގާފައިވާ ގިނަ މަރުތަކަކީ ގާނޫނާ ޚިލާފަށް ހިންގާފައިވާ މަރުތަކެއް ކަމަށެވެ.
2023 އޮކްޓޫބަރު 7 ގައި ހަމާސް އާއި ފަލަސްޠީނުގެ ހަތިޔާރުއެޅި ޖަމާއަތްތަކުން އިސްރާއީލުގެ ދެކުނަށް ދިން ހަމަލާތަކުގައި 1،200 އެއްހާ މީހުން މަރުވެ، 240 މީހުން ރަހީނުކުރުމާ ގުޅިގެން ފެށި ހަނގުރާމަ، ނިމިދިޔަ އޮކްޓޫބަރު މަހު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކާއެކު މެދުކަނޑާލެވުނު ނަމަވެސް، އިސްރާއީލު ސިފައިން ދަނީ ހަރުކަށި ސަލާމަތީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ވޭތުވެދިޔަ ހަތް މަސްދުވަހުގެ ތެރޭގައި ވެސް އިތުރު އެތައް ސަތޭކަ ބަޔަކު ވަނީ ޝަހީދުކޮށްފައެވެ.
ހަމައެއާއެކު، މި ރިޕޯޓުގައި ހަމާސް އާއި ފަލަސްޠީނުގެ އެހެނިހެން ހަތިޔާރުއެޅި ޖަމާއަތްތަކުން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ޚިލާފަށް ހިންގާފައިވާ އަމަލުތަކާއި ގާނޫނާ ޚިލާފު މަރުތައް ކުށްވެރިކޮށް، އަމާޒެއް ނެތް ރޮކެޓް ހަމަލާތައް ދިނުން ހުއްޓާލުމަށް ވެސް ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ