މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ) ގެ 16 ވަނަ އަހަރީ ޢާންމު ޖަލްސާ ކާމިޔާބުކަމާއެކު ބާއްވައި، ހިއްސާދާރުންނަށް ބަހާނެ ފައިދާ ނުވަތަ ޑިވިޑެންޑްގެ ގޮތުގައި 129.6 މިލިއަން ރުފިޔާ ބެހުމަށް ފާސްކޮށްފި އެވެ.
މި މަހުގެ 18 ވަނަ ދުވަހު ބޭއްވި މި ޖަލްސާގައި ނިންމާފައިވަނީ ހިއްސާއަކަށް 5.41 ރުފިޔާ ބެހުމަށެވެ.
މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ ފަހިވޯޓް ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ޖަލްސާގައި ޖުމްލަ 57 ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ބައިވެރިވެފައިވެއެވެ. މިއީ އެ ބެންކުގެ ޖުމްލަ ހިއްސާގެ 79.74 އިންސައްތަ ތަމްސީލުކުރާ މިންވަރެކެވެ. މި ޖަލްސާގައި ބެންކުގެ މާލީ ހާލަތާއި ކުރިމަގުގެ ރޭވުންތަކާ ގުޅޭގޮތުން މުހިންމު ނިންމުންތަކެއް ވަނީ ނިންމާފަ އެވެ.
ޖަލްސާގެ އެޖެންޑާގައި ހިމެނުނު ކަންކަމަށް ވޯޓަށް އެހުމުން، 2025 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ވަނީ ވޯޓުގައި ބައިވެރިވި ހުރިހާ ހިއްސާދާރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ. އަދި ބެންކުގެ ޑިރެކްޓަރުންގެ ބޯޑުން ކޮންމެ އާދައިގެ ހިއްސާއަކަށް 5.41 ރުފިޔާ ބެހުމަށް ހުށަހެޅި ހުށަހެޅުން ފާސްވީ 99.99 އިންސައްތަ ވޯޓުންނެވެ. މިއީ ޖުމްލަ 129،674،106.45 (ސަތޭކަ ނަވާވީސް މިލިއަން ހަ ލައްކަ ހަތްދިހަ ހަތަރު ހާސް ސަތޭކަ ހަ ރުފިޔާ ސާޅީސް ފަސް ލާރި) އެވެ.
މީގެ އިތުރުން، 2026 ވަނަ އަހަރަށް ބެންކުގެ އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި އާންސްޓް އެންޑް ޔަންގް އައްޔަންކުރުމަށް ވެސް ހިއްސާދާރުން ވަނީ ނިންމާފައެވެ. މި ނިންމުން ފާސްވެފައިވަނީ 99.95 އިންސައްތަ ހިއްސާދާރުންގެ ތާއީދާއެކުގަ އެވެ.
މޯލްޑިވްސް އިސްލާމިކް ބެންކުން ހޯދަމުންދާ މާލީ ކުރިއެރުންތަކަށް ބަލާއިރު، 2025 ވަނަ އަހަރު އެ ބެންކުގެ ޖުމްލަ އެސެޓް ވަނީ 1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާފަ އެވެ. މިއީ ރާއްޖޭގެ ބެންކިން ދާއިރާގައި، ވަކިން ހާއްސަކޮށް އިސްލާމިކް ބެންކިންގެ ދާއިރާގައި ހޯދިފައިވާ ވަރަށް ބޮޑު ކާމިޔާބީއެކެވެ. މީގެ 15 އަހަރު ކުރިން ރާއްޖެއަށް އިސްލާމިކް ބެންކިން ތައާރަފުކުރުމުގެ މަގްސަދުގައި އުފެދުނު މި ބެންކަކީ މިހާރު ރާއްޖޭގެ އެންމެ އިތުބާރު ހުރި އަދި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް މާލީ އިދާރާ އެވެ.
އެމްއައިބީން ބުނެފައިވާ ގޮތުގައި، ބެންކުގެ މި ކާމިޔާބީގެ އަސްލަކީ ހިއްސާދާރުންނާއި ކަސްޓަމަރުން ބެންކަށް ކުރާ އިތުބާރެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ޒަމާނީ ޓެކްނޮލޮޖީއާއެކު އިސްލާމީ އުސޫލުތަކުގެ މަތިން ދެވޭ ހިދުމަތްތައް ފުޅާކޮށް، ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް އެ ބެންކުން މައުލޫމާތު ދެ އެވެ.
އެމްއައިބީގެ ފައިދާ އިން ހިއްސާދާރުންނަށް 129.6 މިލިއަން ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ