ތެލަށް ކުރާ ހަރަދު އިތުރުވިޔަސް ރައްޔިތުންނަށް އެ ބުރައެއް ނުޖެހޭނެ: ޒަމީރު

ރާއްޖެއަަށް ތެޔޮ އެތެރެކުރަން ސަރުކާރުން ކުރާ ހަރަދު އިތުރުވެފައިވިޔަސް، އެކަމުގެ ބުރަ ރައްޔިތުންނަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - އެންވަޔަރަމަންޓް މިނިސްޓަރީން މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ، މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަަށް ތެޔޮ އިތުރުކުރަން ހަރަދުވާ މިންވަރު %110 އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ވިދާޅުވީ:
މިދިޔަ މާޗު މަހާ ހިސާބަށް ބަލާއިރު، ތެޔޮ އެތެރެކުރުމަށް މަހަކު 116 މިލިއަން ޑޮލަރު ހަރަދުވެފައިވޭ
އޭގެ ކުރިން ތެޔޮ އެތެރެކުރަން މަހަކު ހޭދަވަނީ 50 މިލިއަނެއްހާ ޑޮލަރު
މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވެދާނެ ދަތިތައް ހައްލުކޮށް، ފިޔަވަޅުތައް އެޅުމަށް ރައީސް މުހައްމަދު މުއިއްޒު އުފައްދަވައިފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާބެހޭގޮތުން ނޫސްވެރިން ސުވާލުކުރި އެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ އަގަށް އެއްވެސް ބަދަލެއް އަތުވެދާނެތޯ ވެސް ސުވާލުކުރި އެވެ.
ތަފްސީލް - ޖަވާބުގައި ޒަމީރު ވިދާޅުވީ، މިދިޔަ އަހަރާ އަޅާބަލާއިރު ރާއްޖެއަށް ތެޔޮ އެތެރެކުރި މިންވަރު ގާތްގަނޑަކަށް %18 އިތުރުވެފައިވާ ކަމަށެވެ. ހަނގުރާމަ ފެށުމާއެކު ތެލަށް ޖެހިދާނެތީ ސަރުކާރުން ތަފާތު ފިޔަވަޅުތައް އެޅިކަން އޭނާ ފާހަގަކުރެއްވި އެވެ.
"އޭގެ ނަތީޖާއަކީ. ތެޔޮ ނެތިގެން ރާއްޖޭގެ އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރެވިފައެއް ނޯންނާނެ. އެންމެ އެކަށީގެންވާ އަގެއްގައި ހިދުމަތްދެވޭތޯ ބަލާފައި ހުންނާނީ،" ޒަމީރު ވިދާޅުވި އެވެ.
ތެލަށް ކުރާ ހަރަދު އިތުރުވިޔަސް ސަރުކާރުގެ ވިސްނުން އަދިވެސް ގެންގުޅެނީ ރައްޔިތުންނަށް އޭގެ ބުރަ ނުޖެހޭނެ ގޮތަކަށް ވީހާވެސް ބޮޑަކަށް އޭގެ އަސަރުތައް ކުޑަކުރަން ކަމަށް ޒަމީރު ވިދާޅުވި އެވެ. އެހެންވެ، ތެލަށް ކުރާ ހަރަދު ބޮޑުވިޔަސް ކަރަންޓުގެ އަގު ބޮޑުނުކުރާނެކަމުގެ ޔަގީންކަން މިއަދު ވެސް ޒަމީރު ދެއްވި އެވެ.
"ތެލުގެ އަގު ބޮޑުވެގެން މި އުޅެނީ، މިއީ ރާއްޖޭގެ ކޮންޓްރޯލުގައި އޮތް ކަމެއް ނޫން. ރާއްޖެއިން ބޭރުން ގެންނައިރު އަގު ބޮޑުވަނީ. އެހެންވީމާ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އެއް ކަމަކީ ތެޔޮ އަގުހެޔޮކޮށް ލިބޭތޯ މަސައްކަތްކުރުން. ދެވަނަ ކަމަކީ ލިބޭ ތެލަށް ފައިސާ ދެއްކުމަށްޓަކައި ބައެއް ކަހަލަ ހަރަދުތައް މަދުކޮށްފައި ކުޑަކޮށްފައި، އެކަމަކު ރައްޔިތުންގެ އާންމު ދިރިއުޅުމަށް ދަތިނުވާނެ ފަދަ ގޮތަކަށް އަގުތައް ބެހެއްޓުން. އެއީ އަޅުގަނޑުމެން ކުރާ މަސައްކަތަކީ،" ޒަމީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ