އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަކީ ރައީސް މުހައްމަދު ނަޝީދު ވާދަކުރަންޖެހޭ އިންތިހާބެއް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ރައީސް ނަޝީދާ ވާދަކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މީކާއިލް ނަސީމުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ސޯލިހްގެ އުފަން ރަށް -- ޅ. ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީން އާ ލީޑަރުންނަށް ފުރުސަތު ދޭންވީ ވަގުތަކީ މިއީ ކަމަށެވެ. އެހެންވެ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބެއްގައި ރައީސް ނަޝީދު ވާދަކުރުން ރަނގަޅު ނޫން ކަމަށް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނާއި، ރައީސް ނަޝީދާއި ރައީސް އަބްދުﷲ ޔާމީން މިވަގުތު ކުރަންޖެހޭ މަސައްކަތަކީ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ރައްޔިތުންނަށް ހައްލުކޮށްދިނުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. ތިން ރައީސުން ގުޅިގެން ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓް އުފެއްދީ އެ މަސައްކަތްތައް ކުރަން ކަމަށްވެސް ވިދާޅުވި އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު މިހާރު އޮތީ ބަދަލުކުރަންޖެހޭ ހާލަތުގައި ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އަކީ ރައީސް ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން... އެއްވެސް ހާލެއްގައި ރައީސް ނަޝީދަށް ބަދު ބަހެއް ބުނަނީއެއް ނޫން. އެމަނިކުފާނު ކުރައްވާފައި ހުރި މަސައްކަތްތައް ބަލައިނުގަންނަނީއެއް ވެސް ނޫން،" ރައީސް ސޯލިހް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މީކާއިލްއަށް ތާއިދުކުރެއްވުމަށް ނިންމެވީ ލިބިވަޑައިގެންނެވި ތަޖުރިބާގައި އެމްޑީޕީގެ މުސްތަގުބަލަށްޓަކައި ކަމަށެވެ. އެމްޑީޕީން އަބަދުވެސް ޒުވާނުންނަށް ފުރުސަތު ދޭނެ ކަމަށާއި ރައީސް ނަޝީދާ ވާދަކުރެއްވުމަށް ޒުވާނަކު ނިކުންނެވުމަކީ ފަހުރެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާ އާބާދީގެ 40 ޕަސަންޓް މީހުންނަކީ ޒުވާނުންނަށް ވާއިރު އެމްޑީޕީގެ ތެރެއިން ޒުވާނުންނަށް ފުރުސަތު ނުދެވޭނަމަ އެމްޑީޕީއަށް އޮތް ތާއިދު ކުޑަވެދާނެ ކަމަށެވެ.
މީކާއިލްއަށް ތައުރީފް ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީ ހަރުދަނާކޮށް ވަރުގަދަ ޕާޓީއަކަށް ހެދުމަށްޓަކައި ރަނގަޅު މެނިފެސްޓޯއެއް މީކާއިލްގެ އަތުގައި އެބައޮތް ކަމަށެވެ. އަދި މީކާއިލް އަކީ އެއްވެސް އަތަކަށް ނުޖެހި ޕާޓީގެ ތެރޭގައި ރިޔާސީ ޕްރައިމަރީއެއް ބޭއްވުމުގެ ގާބިލްކަން ހުރި ބޭފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.
ޗެއާޕާސަން އިންތިހާބުގައި ނަޝީދު ވާދަކުރުން ރަނގަޅެއް ނޫން: ސޯލިހް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ