ޕާކިސްތާނުގައި ފަސިންޖަރުން އުފުލި ބަހެއް ވާދީއަކަށް ވެއްޓި 40 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ހުޅަނގު ދެކުނު ސަރަހައްދުގައި ފަސިންޖަރުން ގޮވައިގެން ދަތުރުކުރި ބަހެއް ކޮންޓްރޯލުން ނެއްޓި ފުން، ވާދީއަކަށް ވެއްޓުމުގެ ސަބަބުން މަދުވެގެން 40 މީހުން މަރުވެ، އިތުރު 8 މީހަކު ޒަޚަމްވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ބަލޮޗިސްތާން އަދި ޚައިބަރް ޕަޚްތުންޚުވާ ޕްރޮވިންސް ގުޅޭ ބޯޑަރު ކައިރީގައި އޮންނަ، ފަރުބަދަމަތީ ދާނާ ސަރު ސަރަހައްދުގައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން މިހާރު ދަނީ ރަސްމީ ތަހުގީގެއް ހިންގަމުންނެވެ. އިބްތިދާއީ ބައެއް މައުލޫމާތުތައް ބުނާގޮތުން ބަހުގެ ބްރޭކް ފެއިލްވުމުގެ ސަބަބުން ނުވަތަ ނުރައްކާތެރި ބާރު ދުވެލީގައި ދިއުމުގެ ސަބަބުން ޑްރައިވަރަށް ބަސް ކޮންޓްރޯލް ނުކުރެވުނީއެވެ.
ސަލާމަތްވި ބައެއް ފަސިންޖަރުން ބުނެފައިވަނީ، އިތުރު މީހުން ބަހަށް އެރުވުމާ ގުޅިގެން ހިނގި ދެބަސްވުމެއްގެ ތެރޭގައި ފަސިންޖަރަކު ޑްރައިވަރުގެ ކަރުގައި ހިފުމުން ބަސް މަގުން ކަސިޔާރުވެގެން ދިޔައީ ކަމަށެވެ.
ހާދިސާ ހިނގި ސަރަހައްދަކީ ނުހަނު އުނދަގޫ ފަރުބަދަމަތީ ހިސާބަކަށް ވުމުން، ހާދިސާ ހިނގި ސަރަހައްދުން މީހުން ސަލާމަތްކުރުމަށް ރެސްކިއު ޓީމުތަކަށް ފުރަތަމަ ކޮޅު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. މިގޮތުން ދެ ޕްރޮވިންސްގެ ރެސްކިއު ޚިދުމަތްތައް ގުޅިގެން، ޚާއްސަ މެޝިނަރީ ބޭނުންކޮށްގެން ބަސް ކަނޑައިގެން މަރުވި މީހުންގެ ހަށިތަކާއި ޒަޚަމްވި މީހުން ނެގުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ޒަޚަމްވި މީހުންނަށް މިހާރު ދަނީ ކައިރީގައި ހުރި ހޮސްޕިޓަލްތަކުގައި ކުއްލި ފަރުވާ ދެމުންނެވެ.
ޕާކިސްތާނަކީ ދުނިޔޭގެ ނިސްބަތުން ވެސް މަގުމަތީގެ ނުރައްކާތެރި ހާދިސާތައް އެންމެ ގިނައިން ހިނގާ އެއް ގައުމެވެ. މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މަގުތައް ހަލާކުވެފައި ހުރުމާއި، ދަތުރުފަތުރަށް ބޭނުންކުރާ އުޅަނދުފަހަރުގެ ސަލާމަތީ މިންގަނޑުތައް ދަށްވުމުގެ އިތުރުން، ޓްރެފިކް ގަވާއިދުތަކަށް ހޭލުންތެރި ނުވެ ފަރުވާކުޑަކޮށް ދުއްވުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ