އިމްތިއާޒުގެ ފިލްމަކީ، ސިނަމާގެ މިހާރުގެ އޮއިވަރާ ދެކޮޅަށް ކުރެވުނު "ބަޣާވާތެއް": މަހޭޝް ބަޓް

ނިމިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ފިލްމު "މެ ވާޕަސް އާއުންގާ" އަކީ، ސިނަމާގެ މިހާރުގެ އޮއިވަރާ ދެކޮޅަށް ކުރެވުނު "ބަޣާވާތެއްގެ" ގޮތުގައި އިންޑިއާގެ ކުޅަދާނަ ފިލްމު ޑައިރެކްޓަރު މަހޭޝް ބަޓް ސިފަކޮށްފިއެވެ. މަހޭޝް ބަޓް ފާހަގަކުރި ގޮތުގައި، މި ފިލްމު ރިލީޒްވި ދުވަސްވަރު ބައެއް ފަރާތްތަކުން އެއީ ނާކާމިޔާބު ފިލްމެއްގެ ގޮތުގައި ނިންމި ނަމަވެސް، ބެލުންތެރިން ވަނީ ފިލްމު ބަލައިގެންފައެވެ. މިއީ އިންސާނީ އިހުސާސްތަކާ ގުޅިފައިވާ ވާހަކަތަކަށް އަދިވެސް ބެލުންތެރިންގެ ޝައުޤުވެރިކަން ހުރިކަމުގެ ހެއްކެއް ކަމަށް ތަފާތު ރީތި ލޯބީގެ ވާހަކަތައް ސިނަމާތަކަށް ގެނެސްދީފައިވާ ޑައިރެކްޓަރު އަދި ފިލްމު ޕްރޮޑިއުސަރު ބުނެފައިވެއެވެ. އިންޑިއާ ބައިބައިވި ދުވަސްވަރުގެ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ކުޅަދާނަ ފިލްމު ޑައިރެކްޓަރު އިމްތިޔާޒު އަލީ އުފެއްދި "މެ ވާޕަސް އާއުންގާ" އަންނަނީ ބޮކްސް އޮފީހުގައި މަޑުމަޑުން ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ. ފިލްމު "މެ ވާޕަސް އާއުންގާ"ގެ ޑައިރެކްޓަރު އިމްތިޔާޒު އަލީ އަދި ޑައިރެކްޓަރު މަހޭޝް ބަޓް -- ފޮޓޯ/ އިންޑިއަންއެކްސްޕްރެސް ބޮޑެތި "މެގާ" ފިލްމުތަކަށް އެކަނި ސިނަމާތަކުގައި ގިނަ ދުވަހު ހިފަހައްޓާލެވޭނެ ކަމަށް ގަބޫލުކުރެވޭ މި ޒަމާނުގައި، ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާތީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ވަނީ އިމްތިޔާޒުގެ މި މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ވެރައިޓީ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި މަހޭޝް ބުނީ، ބައެއް ފިލްމުތަކަކީ ވަރަށް ކުލަގަދަކޮށް އިޝްތިހާރުކުރާ ފިލްމުތަކަށްވީ ނަމަވެސް "މޭން ވާޕަސް އާއުންގާ" ފަދަ ފިލްމުތަކަކީ އެއްވެސް އަޑުގަދަކުރުމެއް ނެތި، ގިނަ ބައެއްގެ ހިތުގެ ނާޒުކު އިހުސާސްތަކާ ކުޅެލި ފިލްމެއް ކަމަށެވެ. މަހޭޝް ގަބޫލުކުރާ ގޮތުގައި ފިލްމެއްގެ އެންމެ ވަރުގަދަ ސިފައަކީ އޭގެ ސަބަބުން ބެލުންތެރިންގެ ހިތުގައި އުފެދޭ ސުވާލުތަކެވެ. ފިލްމު "މޭން ވާޕަސް އާއުންގާ" ރިލީޒްވުމާއެކު ބައެއް ފަރާތްތަކުން އެއީ ދިރުމެއް ނެތް ފިލްމެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، ބެލުންތެރިންގެ ވިސްނުން ތަފާތުކަން ފިލްމަށް ލިބުނު ތަރުހީބުން ސާބިތުކޮށްދީފި ކަމަށް ބަތަލާ އާލިއާ ބަޓްގެ ބައްޕަ ވަނީ ބުނެފައެވެ. މިއީ ހަމައެކަނި ފައިސާގެ ހިސާބުތަކަށްވުރެ ބޮޑަށް، އިންސާނީ ހިތުގެ ހަގީގީ އަޑު ބެލުންތެރިންނަށް އިވޭކަމުގެ ހެއްކެއް ކަމަށް މަހޭޝް ވަނީ ބުނެފައެވެ. ހަމައެއާއެކު މަހޭޝްގެ އަމިއްލަ ފިލްމުތައް ކަމަށްވާ 'އާތު' އާއި 'ސާރަންޝް' އަދި 'ޒަޚަމް'އާ މި ފިލްމު އެއްގޮތް ކަންކަން ހުރުމަކީ ވެސް ފިލްމު މަހޭޝްއަށް ޚާއްސަވި މުހިއްމު ސަބަބެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ. ނަސީރުއްދީން ޝާހް، ވޭދަންގް ރައިނާ، ޝަރްވާރީ، ދިލްޖީތު ދޯސަންޖް އަދި ރަޖަތު ކަޕޫރު މުހިއްމު ރޯލްތައް ކުޅެފައިވާ "މޭން ވާޕަސް އާއުންގާ"އަށް މިހާތަނަށް 82.8 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ