އަޔާތުއްލޯ އަލީ ހާމަނާއީގެ ޖަނާޒާ އީރާނުގައި ފަށައިފި

އީރާނުގެ ރޫހާނީ ލީޑަރު އަޔާތުއްލޯ އަލީ ހާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް ދައުލަތުގެ ފެންވަރުގައި އެއް ހަފުތާގެ މުއްދަތަށް އެ ގައުމުގައި އިއްޔެ ފަށައިފި އެވެ.
ތެހެރާނުގައި އޭނާގެ ހަށިގަނޑު އާންމުންނަށް ފެންނާނެހެން ބާއްވާފައިވާއިރު، ދީނީ އިލްމުވެރިންނާއި ދައުލަތުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ އިއްޒަތްތެރިންގެ އިތުރުން އެތައް ހާސް ރައްޔިތުންނެއް ދަނީ އޭނާއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރަމުންނެވެ.
އީރާނުގައި 37 އަހަރު ވަންދެން ވެރިކަން ކުރެއްވި ހާމަނާއީ އަވަހާރަވީ މިދިޔަ ފެބްރުއަރީގައި އެމެރިކާ އާއި އިޒްރޭލުން ދިން ވައިގެ ހަމަލާތަކެއްގަ އެވެ. އޭނާގެ ހަށިގަނޑާއި އެ ހަމަލާގައި މަރުވި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ ހަށިގަނޑުތައް ބަހައްޓާފައިވަނީ އާޔަތުއްލޯ ރޫހުއްލޯ ހުމައިނީއަށް ނިސްބަތްކޮށް ހަދާފައިވާ ނަމާދުކުރާ ހޯލެއްގަ އެވެ.
ކަމާބެހޭ ފަރާތްތަކުން ދަނީ އީރާނުގެ އެކި ސިޓީތަކުގައި ބާއްވާ ޖަނާޒާގެ ހަރަކާތްތަކުގައި މިލިއަނުން މީހުން ބައިވެރިކުރުމަށް މަސައްކަތް ކުރަމުންނެވެ. ގުމް އަދި އިރާގުގެ މުގައްދަސް ސިޓީތައް ކަމަށްވާ ނަޖަފް އާއި ކަރުބަލާގައި ބާއްވާ ރަސްމިއްޔާތުތަކަށް ފަހު، އަންނަ ބުރާސްފަތި ދުވަހު ހާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މަޝްހަދުގަ އެވެ.
މި ޖަނާޒާ ކުރިއަށްދަނީ އިސްލާމީ ޖުމްހޫރިއްޔާއަށް ވަރަށް ނާޒުކު ދަނޑިވަޅެއްގައި ކަމަށް އޮފިޝަލުން ސިފަކުރައްވަ އެވެ. މިއާ އެކު މުޅި ތެހެރާންގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އަދި ރަސްމިއްޔާތުތައް ކުރިއަށްދާ ވަގުތު އެއްވެސް ކަހަލަ ހަމަލާއެއްދީފާނެތީ ވަނީ އިންޒާރު ނެރެފަ އެވެ.
ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިންގެ ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އާއި ރަޝިއާގެ ކުރީގެ ރައީސް ޑްމިޓްރީ މެޑްވެޑޭވްގެ އިތުރުން ޗައިނާ އާއި އިރާގުގެ އިސް މަންދޫބުން ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން، އަވަހާރަކޮށްލާފައިވާ ހިޒްބުއްލޯގެ އިސްވެރިންގެ އާއިލާގެ މެންބަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ.
ނަމަވެސް، އީރާނުގެ އާ ރޫހާނީ ލީޑަރު، އަޔާތުއްލޯ އަލީ ހާމަނާއީގެ ދަރިކަލުން މުޖުތަބާ ހާމަނާއީ ސަލާމަތީ ސަބަބުތަކަށްޓައި މި ޖަނާޒާގައި ބައިވެރިވެވަޑައެއްނުގަންނަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ