މާރާމާރީ ހިންގަން ރާވައި، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި 6 ޒުވާނަކު ހައްޔަރުކޮށްފި

މާރާމާރީ ހިންގަން ރާވައި، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ހަ ޒުވާނަކު ބަންދުކޮށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ. ފުލުހުން ބުނީ މާލެ އަދި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރައިވެރި ހިނގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކުރުމަށްފަހު ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ​މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން ​30 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި، ​23 އަހަރުގެ ދިވެހި ފިރިހެނަކާއި، ​21 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން ​34 އަހަރުގެ ދިވެހި ފިރިހެނަކާއި ​32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައި ފާސްކުރިއިރު އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ​މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ހަތަރު މީހަކު 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައި ވާއިރު ބާކީ ތިބި ދެ މީހުން ވަނީ ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައެވެ. މީގެތެރެއިން ހަތަރު މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ކޮށްފައިވާ އަމުރުގައިވާ ގޮތުން މިއީ ގިނަ ބަޔަކު ބައިވެރިވެގެން ކުރަން ރާވާފައިވާ މާރާމާރީއެއް ކަމަށް ތުހުމަތުކުރެވޭ ކަމަށް އަމުރުގައި ބުނެފައިވެއެވެ. އަދި އެ މީހުން ތިބިތަނުން ދެ ވަޅި ފެނިފައިވާ ކަމަށް ވެސް ވަނީ އަމުރުގައި ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ