އަބްދުއްރަހީމް، ނަޝީދަށް: ޕީއެންސީ އޮތީ ރައީސާއެކު، ޕާޓީ ބައިބައިކުރަން ވާހަކަ ދައްކާނެ ކަމެއް ނެތް
ވެރިކަން ކުރާ ޕީއެންސީ އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކަމަށް ވިދާޅުވެ، އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިދިކޮޅަށް ރައްދު ދެއްވައިފިއެވެ. ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ގެންދަވަނީ، ޕީއެންސީގެ މެންބަރުންގެ އިތުބާރު ރައީސަށް ގެއްލިފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެގޮތުން ރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވެސް އެ މޭރުމުން އެ މަނިކުފާނު ވާހަކަދެއްކެވިއެވެ. ރޭ ނަޝީދު ވިދާޅުވީ ޕީއެންސީ މިހާރު ރޫޅެނީ ކަމަށާއި ރައީސްގެ މަގުބޫލުކަން ގެއްލިފައިވާ ކަމަށެވެ. އެހެންވެ، މިއީ ޕީއެންސީގެ ރައީސްކަމުން ރައީސް މުއިއްޒު ދުރުކުރަންވީ ވަގުތު ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ. https://sun.mv/223517 އެ ވާހަކަފުޅާ ގުޅުވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީ ބައިބައި ކުރަން ''ފާޑުފާޑުގެ ވާހަކަތައް ދައްކާނެކަމެއްނެތް" ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، ބަޔަކު ދައްކާހާ ވާހަކައަކަށް ޕީއެންސީ ނުގުޑާނެ ކަމަށާއި އެ ޕާޓީ އޮތީ ރައީސާއެކު ގަދަކޮށް ކަމަށެވެ. "ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ. އެންމެ ބަދަހި ޕާޓީ. ބިނާކުރަނިވި ފިކުރުގެ ޕާޓީ. މި ޕާޓީއިން އަބަދުވެސް އިސްކުރާނީ ދިވެހީންނާއި ދިވެހީންގެ ގައުމު،" އަބްދުއްރަހީމް ލިޔުއްވާފައިވެއެވެ. ރާއްޖެއަށް ގެންނަން ބޭނުންފުޅުވާ ބަދަލުތަކެއް ފާހަގަކުރައްވައި ''ބޮޑު ބަދަލު''ގެ ނަމުގައި ހަރަކާތެއް ފައްޓަވައިފައިވާ ނަޝީދު، ރައީސަށް އަމާޒުކުރައްވާ ފާޑުވިދާޅުވުންތަކަށް މީގެ ކުރިން ވެސް އަބްދުއްރަހީމް ރައްދު ދެއްވައި، ރައީސްގެ ދިފާއުގައި ވާހަކަދައްކަވައިފައިވެއެވެ. https://www.sun.mv/202005 ފާހަގަކުރެވޭ ގޮތުގައި، މި ސަރުކާރު ވެރިކަމަށް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި އަބްދުއްރަޙީމާއި ރައީސްގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި ކަމަށް މިދިޔަ އަހަރުގެ ތެރޭގައި އަޑު ފެތުރުނެވެ. އެއީ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް، މިދިޔަ އަހަރުގެ ޖަނަވަރީ މަހު ކުއްލި ގޮތަކަށް މަގާމުން ވަކިކުރި ފަހުންނެވެ. ދެ ބޭފުޅުންގެ ގުޅުން ހީނަރުވި ކަމަށް އޭރު އަބްދުއްރަހީމް އެއްބަސްވެވަޑައިގަތް ނަމަވެސް، ޕީއެންސީން ވަނީ ދެ ބޭފުޅުންގެ މެދުގައި އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ