މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިންތިހާބުތަކުން ފިލާވަޅުތަކެއް ލިބިއްޖެ ކަމަށާއި، ސަރުކާރާއި ޕީއެންސީން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބުގައި ހއ. މުރައިދޫއިން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، އިންތިހާބުތަކަކީ ރައްޔިތުން ވަރަށް ގިނަ ވާހަކަތަކެއް ބުނެދޭ އެއްޗެއް ކަމަށެވެ. އަދި ކޮންމެ އިންތިހާބަކުން ވެސް ރައްޔިތުން އަންގައިދެނީ އެ ބައެއްގެ ޝުއޫރުތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝުޖާއު ވިދާޅުވީ ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ އިހުސާސްތަކާއި ވިންދާ އެއްގޮތަށް މަސައްކަތް ކުރައްވާ ލީޑަރެއް ކަމަށެވެ. ޖުމްލަ ގޮތެއްގައި އަތޮޅުތަކާއި ސިޓީތަކުން ޕީއެންސީއަށް 277,011 ވޯޓު ލިބިފައިވާ އިރު، އެމްޑީޕީއަށް ލިބިފައިވަނީ 258,050 ވޯޓު ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ގިނަ ރައްޔިތުން ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ތާއީދުކުރާ ކަމުގެ ހެއްކެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
”2028 ވަނަ އަހަރަށް ރަނގަޅުކުރަންޖެހޭ ކަންކަން ހުރިކަމަށް ރައީސް ގަބޫލުފުޅުކުރައްވާ. އަދި އެކަންކަން ރަނގަޅުކުރުމުގެ ޔަގީންކަން އެމަނިކްފާނު ވަނީ ދެއްވާފައި،“ ޝުޖާއު ވިދާޅުވިއެވެ.
އޭނާވިދާޅުވީ ރައީސް ބޭނުންފުޅުވާ ގާނޫނީ ބަދަލުތައް ގެނައުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން 24 ގަޑިއިރު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށެވެ.
މީގެ އިތުރުން، ކުރީގެ ސަރުކާރުތަކުން އިންތިހާބުތަކުގެ ނަތީޖާއާ ގުޅިގެން ކޯފާ އިސްކޮށް ރައްޔިތުން ޖަލަށްލާން މަސައްކަތް ކުރި ނަމަވެސް، މިހާރުގެ ރައީސް ބޭނުންފުޅުވަނީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކޮށް، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކޮށްގެން ބާރު ސްޕީޑުގައި ގައުމު ކުރިއަށް ގެންދަން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވާހަކަ ނިންމާލަމުން ވިދާޅުވީ، މި ސަރުކާރާ ހަވާލުވިއިރު އެމްޑީޕީން ގައުމު އޮތީ ބަނގުރޫޓުވާ ގޮތަށް ފަރުމާކޮށްފައި ކަމަށާއި، އެކަން އޭނާގެ ދާއިރާގެ ރައްޔިތުން ވެސް ގަބޫލުކުރާ ކަމަށެވެ.
ކައުންސިލް އިންތިހާބުން ފިލާވަޅު ލިބިއްޖެ، މަސައްކަތް ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ޝުޖާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ