ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ނެތް: ޒަމީރު

ކުރިއަށްއޮތް ތަނުގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ރާއްޖޭގެ ސްޓޮކްގައި އެކަށީގެންވާ ވަރަށް ތެޔޮ އެބަހުރި ކަމަށެވެ.
މިދިޔަ ހަފުތާގައި ދެ ޝިޕްމަންޓެއް އްޖެ ގެނެސްފައިވާ ކަމަށާއި އަންނަ މަހުގެ ކުރީކޮޅުވެސް އިތުރު ޝިޕްމަންޓްތައް އަންނާނެ ކަމަށެވެ. އެގޮތުން އަންނަ މަހުގެ ކުރީކޮޅު އޮމާންގެ އިތުރުން ސިންގަޕޫރުން ވެސް ޑީސަލާއި ޕެޓްރޯލްގެ ޝިޕްމަންޓެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދެގުނަ މައްޗަށް ދިޔަ ނަމަވެސް، ސަރުކާރުގެ ވިސްނުމަކީ ސަބްސިޑައިޒްކޮށްގެން ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށްދިނުން ކަމަށެވެ.
އަރަބި ގައުމުތަކުގެ އިތުރުން އެހެން ސަރަހައްދުތަކުން ތެޔޮ ހޯދުމުގެ މަސައްކަތުގެ ދަށުން ސިންގަޕޫރުން މިހާރު ތެޔޮ ބަރުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި މިދިިޔަ ދެ އަހަރުގެ ތެރޭގައި ސަރުކާރުން އަރަބި ގައުމުތަކާ ގާތް ގުޅުމެއް ބާއްވަމުންދިއުމާ ގުޅިގެން އެކަމުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ލިބެމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ