ގްރޫޕް ސްޓޭޖަށް ބޮޑު ސަމާލުކަމެއް ދޭނަން: ނޭޕާލް

މާދަމާ ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިވާ ނޭޕާލްގެ ގައުމީ ޓީމުން ގުރޫޕް ސްޓޭޖުގެ ނަތީޖާތައް ރަނގަޅު ކުރަން ބޮޑު ސަމާލުކަމެއް ދޭނެކަމަށް ޓީމުގެ ކޯޗު އުރުޖަން ޝްރެސްތާ ބުނެފިއެވެ.
މި މުބާރާތުގައި ނޭޕާލް ހިމެނެނީ ގުރޫޕް އޭގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ބޫޓާން، ދިވެހިރާއްޖެ އަދި ސްރީލަންކާއެވެ. ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނޭޕާލް ނިކުންނާނީ ހޯމަ ދުވަހު ހަވީރު 15:45 ގައި ބޫޓާނާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ނިކުންނާނީ 25 ވަނަ ދުވަހުގެ ހަވީރު ސްރީލަންކާއާއި ދެކޮޅަށެވެ. ތިންވަނަ މެޗުގައި ނިކުންނާނީ 27 މާޗްގައި ރާއްޖެއާއި ދެކޮޅަށެވެ.
މުބާރާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނޭޕާލްގެ ކޯޗު ބުނީ، މިއީ އެ ގައުމުގެ ގައުމީ ލީގު ކުރިޔަށްދާ ދުވަސްވަރުކަމުން ކުޅުންތެރިން ހޮވުމަށް ވަރަށް ފަސޭހަވިކަމަށެވެ. އަދި އެކި މަގާމުތަކަށް ނަގާނެ ކުޅުންތެރިން ހޯދަންވެސް ފަސޭހަވިކަމަށެވެ. އެހެންކަމުން ސާފް ޗެމްޕިއަންޝިޕަށް ނިކުންނަ މި ޓީމުގެ ކުޅުންތެރިންގެ ބުންވަރުވެސް ރަނގަޅު ކަމަށް ކޯޗު ފާހަގަކުރިއެވެ.
ނޭޕާލުން ވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މަހެއްހާ ދުވަހު ފަރިތަކުރުންތައް ބާއްވާފައެވެ. ތައްޔާރީތަކާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ކޯޗު ބުނީ ހޮންކޮންގ އާއި އެކު އެކުވެރިކަމުގެ މެޗެއް ކުޅެފައިވާ ކަމަށާއި، އެ މެޗަކީ ޓީމަށް ލިބުނު ފައިދާއެއް ކަމަށެވެ.
އަދި އުމުރުފުރާ މުބާރާތްތަކުގައި ނޭޕާލަކީ ކާމިޔާބު ޓީމެއް ކަމަށާއި، ފައިނަލާއި ހަމައަށް ދިއުމުގެ ފުރުސަތު ލިބޭ ޓީމެއް ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ. އެންމެފަހުގެ މުބާރާތުގެ ފައިނަލްގައިވެސް ނޭޕާލް ކުޅެފައިވެއެވެ. 2024 ވަނަ އަހަރު ނޭޕާލްގައި އޮތް އެ މުބާރާތުގެ ފައިނަލް މެޗު 2-0 ން ކާމިޔާބުކޮށް ޗެމްޕިއަންއަންކަން ހޯދީ ބަންގްލަދޭޝްއެވެ.
ނޭޕާލް ޓީމުގެ ކޯޗު ބުނީ ކުރިން ހެދުނު ގޯސްތައް ރަނގަޅުކޮށް ގުރޫޕް ސްޓޭޖާއި ހަމައިން ފެށިގެން މަސައްކަތް ކުރާނީ މިއަހަރު ތަށި ހޯދަން ކަމަށެވެ.
މުބާރާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޕާލް ޓީމުގެ ކެޕްޓަން ދަރްބެންދުރަ ކުންވާރްވެސް ބައިވެރިވެފައިވެއެވެ. އޭނާ ބުނީ ޓީމު އޮތީ މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ނޭޕާލް ރައްޔިތުންގެ ފަރާތުން މެސެޖުތައް ލިބެމުން އަންނަކަމަށް އޭނާ ފާހަގަކުރިއެވެ.
އެހެންކަމުން އެމީހުން ކުޅޭ މެޗުތަކުގައި ނޭޕާލް ސަޕޯޓަރުންގެ ފޯރި ގަދަވާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ