އާމްދަނީން 85 މިލިއަން ގެއްލޭނެ؛ ކުއްލިއަކަށް ހަރަދުތަކެއް ކަނޑައެއް ވެސް ނުލެވޭނެ: ޒަމީރު

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ މަހެއްހާ ދުވަހު ދިގުލައިގެން ދިޔަ އިރު މިދިޔަ މަހެއްހާ ދުވަސް ތެރޭގައި ސަރުކާރަށް ލިބެން ޖެހޭ އާމްދަނީން 85-90 މިލިއަން ރުފިޔާ މަދުވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ. 
ވީކިހިނެއް؟ - ހަނގުރާމައިގެ ސަބަބުން މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ 17 ފްލައިޓެއް ދަތުރުކުރުން ހުއްޓާލައި ޓޫރިޒަމުން ލިބޭ އާމްދަނީ ވަނީ ދަށްވެފަ އެވެ.
ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ދަތިތަކުން އަރައިގަންނަން އެކުލަވާލާފައިވާ ކެބިނެޓް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން ސުވާލުކުރީ ވެސް އާމްދަނީން ގެއްލޭނެ ކަމަށް ބެލެވޭ އަދަދުތަކާއި ހަރަދު ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.
ބުނީ ކީކޭ؟ - އާމްދަނީއަށް ކުރި އަސަރާ ގުޅޭ ގޮތުން ސުވާލުކުރުމުން ޒަމީރު ވިދާޅުވީ ސަރުކާރު ބަންދު ދުވަސްތަކެއް ދިއުމުން ސީދާ އަދަދުތައް މި ވަގުތު ދަންނަވަން ދަތި ކަމަށެވެ. 
ނަމަވެސް މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ޓެކްސް އެއްކުރާ މުއައްސަސާ، މީރާއާ އެކު ހަދާފައިވާ ދިރާސާތަކުން، ސަރުކާރަށް ލިބޭ އާމްދަނީން ގާތްގަނޑަކަށް 85-90 މިލިއަން ރުފިޔާ މަދުވާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 
"ހަނގުރާމަ މި ދަނީ މަހަކާ ގާތްކުރަން. އޭރު އަޅުގަނޑުމެން އަންދާޒާ ކުރިން މަހެއްހާ ދުވަހަށް ހަނގުރާމަ ދިގުލައިގެން ގޮސްފިއްޔާ 85 މިލިއަނާއި 90 މިލިއަން ރުފިޔާ ގެއްލޭނެ. އެއީ ގަވަމަންޓް ރެވެނިއުން،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންދާޒާކުރި ވަރާއި ހަގީގަތުގައި ދަށްވި ވަރު ކުރިއަށް އޮތް ހަފުތާގައި އެނގިގެން ދާނެ ކަމަށެވެ. ނަމަވެސް އެ އަދަދާ ގާތްކުރާ ވަރަށް މަދުވެގެން ގޮސްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 
ސަރުކާރުގެ އާމްދަނީގެ ބޮޑު ބައެއް މަދުވެގެންދާއިރު، ހަގީގީ މާނައެެއްގައި ހަރަދު ކުޑަ ކުރުމުގެ މާ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައެއް ނުވެ އެވެ. ރާއްޖެއަށް ވުރެ އިގުތިސޯދު ބޮޑު ގައުމުތަކުގައި ވެސް ހަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.
ނޫސްވެރިއަކު އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ޒަމީރާ މިއަދު ސުވާލުކުރި އެވެ. 
އެ ސުވާލުގެ ޖަވާބުގައި ޒަމީރު ވިދާޅުވީ އެހެން ބައެއް ގައުމުތަކުން އެޅި އެއް ފިޔަވަޅަކީ ސަރުކާރު ހުޅުވާފައިވާ ވަގުތުތަކާއި ދުވަސްތައް މަދުކުރުން ކަމަށެވެ.
ރޯދަ މަހުގެ ފަހު 10 ދުވަހާއި އީދު ބަންދު ހިމެނޭ ގޮތަށް މިދިޔަ ދެ ހަފުތާ ރާއްޖޭގައި ސަރުކާރު ބަންދެވެ. 
"ހަނގުރާމަ ކުރިމަތިވިއިރު ރާއްޖޭގައި ސަރުކާރު އޮތީ ބަންދުކޮށްފައި. އެހެން ގައުމުތަކުގައި ވަރަށް ބާރުލާފައި ދެއްކި ބައެއް ވާހަކަތަކަކީ އަޅުގަނޑުމެން މާ ކުރިން އަޅާފައި ހުރި ކަންކަން،" މިނިސްޓަރު ވިދާޅުވި އެވެ. 
ރާއްޖޭގެ އިގުތިސާދާއި ރައްޔިތުންގެ ހާލަތު ހުރި ގޮތަށް ބަލާއިރު ހަމަ ކުއްލިއަކަށް ސަރުކާރުން ކުރާ ހަރަދުތަކެއް ކަނޑާލެވެން ނޯންނާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ. 
އެގޮތުން، އޭނާ ފާހަގަކުރެއްވި ކަމަކީ އާސަންދަ، ސިއްހީ ހިދުމަތްތައް، ރާއްޖެއަށް ބޭނުންވާ ބޭސް ގެނައުން ފަދަ ކަންކަމަށް ކުރަން ޖެހޭ ހަރަދެވެ. އަދި ތެލަށް ކުރާ ހަރަދު ވެސް ކުޑަކުރަން ދަތިވާނެ ކަމަށާއި ތެލުގެ އަގު ހިފެހެއްޓުމަށް ކުރާ ހަރަދު ވެސް ކުޑަ ނުކުރެވޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ. 
"އެހެން ބައެއް ގައުމުތަކުގައި މި ކުރި ގޮތަށް ތެލުގެ ސަބްސިޑީއާ އެއްޗެއްސަށް ހަރަދުނުކޮށް ހަމަ އަގު ބޮޑުވާން ދޫކޮށްލިއްޔާ ރައްޔިތުންނަށް ވަރަށް ބޮޑު ބުރައަކަށް ވާނެ. ސިއްހީ ކަންކަމަށް ވެސް ދަތުރު ކުރަން ޖެހޭ ގައުމެއް މިއީ،" ޒަމީރު ވިދާޅުވި އެވެ. 
ނަމަވެސް މަޝްރޫއުތައް ހިންގުމުގައި ހަރަދު ކުޑަ ކުރެވެން ހުރި ކަންކަން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ