މަސްތުވާތަކެއްޗާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހަކަށް ދައުވާކުރަނީ

މާލެ އަދި ގއ. އަތޮޅުގައި ފުލުހުން ހިންގި "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހައްޔަރުކުރި ހަތަރު މީހެއްގެ މައްސަލަ ތަހުގީގުކޮށް ނިންމައި، އެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި މި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ހަތަރު މީހެއްގެ މައްޗަށެވެ. އެއީ ޝައްފާޙް ލަޠީފް، އަޙްމަދު މަދީޙު، އަޙްމަދު އަނާމް އިބްރާހީމް އަދި ނޫރުއްނިޡާމް އެވެ. މި ހަތަރު މީހުންނަކީވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުންނެވެ.
ފުލުހުން ބުނި ގޮތުގައި މި ނެޓްވޯކަކީ 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުންދާ ނެޓްވޯކެއްކަމަށެވެ. މި ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ފުލުހުން ޚާއްޞަ ތަހުގީގެއް ފަށާފައިވަނީ 2025 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެންނެވެ. މި ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި މި ނެޓްވޯކުގެ މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާއާއި ހަތަރު ލައްކައަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވެއެވެ.
- އަޙްމަދު މަދީޙު: އޭނާގެ އެކައުންޓުތަކުގައި 17,174,461.12 ރުފިޔާ ދައުރުކޮށްފައިވާއިރު، އެ މުއްދަތުގައި މުސާރައިގެ ގޮތުގައި ލިބިފައިވަނީ އެންމެ 430,638.99 ރުފިޔާއެވެ.
- އަޙްމަދު އަނާމް އިބްރާހީމް: އޭނާގެ އެކައުންޓުތަކުގައި 38،812،690.60 ރުފިޔާ ދައުރުކޮށްފައިވާއިރު، މުސާރައިގެ ގޮތުގައި ލިބިފައިވަނީ 271،874.32 ރުފިޔާއެވެ.
- ޝައްފާޙް ލަޠީފް: އޭނާގެ އެކައުންޓުތަކުގައި 6،916،752.83 ރުފިޔާ ދައުރުކޮށްފައިވާއިރު، މުސާރައިގެ ގޮތުގައި ލިބިފައިވަނީ 371،635.36 ރުފިޔާއެވެ.
މި ނެޓްވޯކުގައި އިސްވެ ހަރަކާތްތެރިވާ ފަރާތުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރުމުގައި އެކި ގޮތްގޮތުން އެހީތެރިވެދޭ 19 ފަރާތެއް ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. މި މައްސަލައަކީ ރާއްޖޭގައި ހިންގާ މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތައް ރޫޅާލުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ