ވިޖޭގެ ފިލްމު އޭޕްރިލްގެ ކުރިން ނުނެރެވޭނެ

މި އަހަރުގެ ޖަނަވަރީ މަހުގެ ނުވަވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކުރި ދެކުނު އިންޑިއާގެ އެކްޓަރު ވިޖޭ ތަލަޕަތީގެ ފިލްމު "ޖަނާ ނަޔަގަން" މި އަހަރުގެ އޭޕްރިލް މަހުގެ ކުރިން ރިލީޒް ނުކުރެވޭނެކަމުގެ އިޝާރާތެއް ދީފިއެވެ. އިންޑިއާގެ ސެންޓްރަލް ބޯޑު އޮފް ފިލްމް ސަޓިފިކޭޝަން (ސީބީއެފްސީ)އިން ވިޖޭގެ ފިލްމު ރިލީޒްކުރުމުގެ ހުއްދަ އަދިވެސް ދީފައިނުވާއިރު މި މައްސަލަ ވަނީ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ކޯޓަށް ވެސް ހުށަހަޅާފައެވެ. ދާދި ފަހުން ކެނެޑާއަށް ނިސްބަތްވާ މި ފިލްމުގެ އިންޓަނޭޝަނަލް ޑިސްޓްރިބިއުޓަ 'ޔޯކް ސިނަމާސް މެނޭޖްމަންޓް'އިން އެކްސް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފިލްމު ސިނަމާތަކަށް ގެނެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށެވެ. އެހެންކަމުން ކުރިން ފިލްމުގެ ޓިކެޓް ގަތުމަށްފަހު އެ ޓިކެޓަށް ރިފަންޑްގެ ގޮތުގައި ލިބެންޖެހޭ ފައިސާ ނުލިބޭ ފަރާތްތަކުން 'ޔޯކް ސިނަމާ މެނޭޖްމަންޓާ' ގުޅައިގެން ފައިސާ ހޯދުމުގެ ކަންކަން ކުރިއަށް ގެންދަން ވަނީ އެދިފައެވެ. 'ޔޯކް ސިނަމާސް މެނޭޖްމަންޓް'ގެ ފަރާތުން ފިލްމު "ޖަނާ ނަޔަގަން"އާ ގުޅޭގޮތުން ނެރުނު ބަޔާން--ފޮޓޯ/ބޮލީވުޑްހަންގާމާ ފިލްމު "ޖަނާ ނަޔަގަން" ރިލީޒްކުރާނެ އާ ތާރީޚު ކަށަވަރުވުމާ އެކު 'ޔޯކް ސިނަމާސް މެނޭޖްމަންޓް'ގެ ލޯޔަލް މެމްބާޝިޕް އޮންނަ ކޮންމެ މީހަކަށް ވެސް ފިލްމުގެ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ކުރިއާލާ ލިބޭނެ ކަމަށް ވެސް އެ މެނޭޖްމަންޓުން އެކްސްގައި ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. ދެކުނު އިންޑިއާގެ އެންމެ ނުފޫޒުގަދަ އެކްޓަރުންގެ ތެރޭ ހިމެނޭ ވިޖޭގެ ފިލްމީ ކެރިއަރުގެ އެންމެ ފަހު ފިލްމު "ޖަނާ ނަޔަގަން"އަކީ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ. ކުރިމަގުގައި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާނެކަން އިއުލާނުކުރުމަށް ފަހު ފިލްމީ ކެރިއަރުން ރިޓަޔަވެފައިވާ ވިޖޭގެ ފިލްމު ރިލީޒްކުރުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވަނީ ސިޔާސީ އިސްވެރިންގެ ނުފޫޒު އެކަމަށް ފޯރުވައިގެން ކަމަށް ވެސް ވަރަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ފިލްމު ރިލީޒްކުރުން ފަސްކުރީ ފިލްމުގެ ބައެއް މަންޒަރުތައް އުނިކުރަން ސެންސަރު ބޯޑުން ނިންމުމަށް ފަހު ފިލްމު ރިލީޒްކުރާ ތާރީޚަށް ސެންސަރު ބޯޑުން ނިންމަންޖެހޭ ކަންކަން ދުވަހަށް ނުނިމި އޮތުމުންނެވެ. ވިޖޭއާ އެކު މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނާނެ ތަރިންގެތެރޭ ޕޫޖާ ހޭގްޅޭ، ބޮބީ ޑިއޯލް، ޕްރަކާޝް ރާޖް އަދި ޕްރިޔާމަނީ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ