ތާރުއަޅައި ދެކޮޅަށް ދުއްވޭ ގޮތަށް ބާޒާރުމަތީ މަގު ހުޅުވައިފި

ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ސަރަހައްދުން ތާރު އަޅައިގެން އަލަށް ހެދި ބައި ދެކޮޅަށް ދުއްވޭ ގޮތަށް ރޭ ހުޅުވައިފި އެވެ.ބޮޑުތަކުރުފާނުމަގު ފުޅާކޮށް، ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޯގަސްޓު މަހު އެވެ. އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 455 ދުވަހުން (ގާތްގަނޑަކަށް 1 އަހަރާއި 3 މަހުން) ނިންމަން ޖެހޭ ގޮތަށެވެ. މަސައްކަތުގެ އަގަކީ 144 މިލިއަން ރުފިޔާ އެވެ. ޖުމްލަ ފަސް ސެގްމަންޓަކަށް ބަހާލައިގެން ކުރަމުން އަންނަ މި މަސައްކަތުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން، ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ނިންމައި އާންމުންނަށް ހުޅުވާލީ މިދިޔަ ޑިސެމްބަރުގަ އެވެ.އޭގެ ފަހުން ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަަހައްދުގެ މަސައްކަތް ފެށި އެވެ. މި މަސައްކަތުގެ ދަށުން، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރަށް ތާރު އެޅުން ހިމެނެ އެވެ. އެ މަސައްކަތް ނިންމައި ތާރުއެޅި ސަރަހައްދު ރޭ ވަނީ ދެކޮޅަށް ދުއްވޭ ގޮތަށް ހުޅުވާލާފަ އެވެ.ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި، އެ މަގު ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައެޅީ، އެއްކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި އޮތުމުން ބޮޑެތި ދަތިތަކާ ކުރިމަތިވާތީ އެވެ. މިއާ އެކު، ބާރުބޮޑު ވުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.ފުލުހުން ބުނީ ބޮޑުތަކުރުފާނުމަގު ޗާންދަނީމަގުން ފެށިގެން ފާލަންދޮށު ހިނގުމާހަމައަށް ދެކޮޅަށް ދުއްވާގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށެވެ. އެކަމަކު މަގު ބޭނުންކުރާ މީހުންނަށް ދަތިނުވާ ގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. "ބޯޓުފަހަރަށް މުދާއަރުވާ ބޭލުމުގައި ޑަބަލްކޮށް މަޑު ނުކުރުމާއި ބޯޓުފަހަރަށް އަރުވާ ބާލާ މުދާ މަގުމަތީގައި ނުބެހެއްޓުމާއި މަގުމަތީގައި ޕެލެޓް ނުބެހެއްޓުމާއި، ރައްކާތެރި ދުވެލީގެ މިންގަޑާއި ހިލާފަށް ނުދުއްވުމާއި، ގަވާއިދާއި ހިލާފަށް ޕާކްކުރުން ފަދަ ކަންތައް ނުކުރުމަށް ދަންނަވަމެވެ." ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ